ޚަބަރު

ފުލޮޔިޑުގެ ނޭވާހާސްކުރި ފުލުސް މީހާގެ މައްޗަށް މީހަކު މަރާލިކުށް ސާބިތުވެއްޖެ


ޖޯޖު ފުލޮއިޑު މަރާލި ޑެރެކް ޝޫވިންގެ މައްޗަށް ކުރި ހުރިހާ ދަޢުވާއެއް ސާބިތުވެއްޖެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 25ވަނަ ދުވަހު އެމެރިކާގެ މިނިއަޕޮލިސްގައި ކަޅު ނަސްލުގެ މީހެއް ހައްޔަރުކުރުމުގައި ފުލުހުން އަނިޔާވެރިކޮށް ޢަމަލުކުރުމުގެ ސަބަބުން އޭނާވަނީ މަރުވެފައެވެ. އުމުރުން 46 އަހަރުގެ ޖޯޖު ފްލޮޔިޑު މަރުވެފައިވަނީ އޭނާގެ ކަރުމައްޗަށް ދޮން ނަސްލުގެ ފުލުހެއް 9 މިނެޓުވަންދެން ކަކުލުން އަރާ އިނުމުން ނޭވާހާސްވެގެންނެވެ. ފްލޮޔިޑުގެ ކަރުމައްޗަށް އަނިޔާވެރިކަމާއެކު އެރި ޑެރެކް ޝޫވިންގެ މައްޗަށް ދެވަނަ ދަރަޖައިގައި ގަސްދަކާ ނުލައި މީހަކު މަރާލުލުމުގެ ދަޢުވާއާއި ދެވަނަ ދަރަޖައިގައި މީހަކު މަރާލުމާއި ތިންވަނަ ދަރަޖައިގައި މީހަކު މަރާލުމުގެ ދަޢުވާވަނީ އުފުލައިފައެވެ. ފުލޮޔިޑު ހިފެހެއްޓުމުގައި ބައިވެރިވި އިތުރު ތިން ފުލުހުންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމަށް އެހީތެރިވިކަމުގެ ދަޢުވާވަނީ އުފުލައިފައެވެ.

ތިން ހަފުތާއަށް ދެމިގެން ދިޔަ އަޑުއެހުންތަކަށްފަހު ޑެރެކް ޝޫވިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާމެދު ގޮތެއް ނިންމަން 10 ގަޑިއިރު ވަންދެން ބަހުޘުކޮށްފައެވެ. ބާރަ މީހުން ހިމެނޭ ޖޫރީގައި ދޮން ނަސްލަށް ނިޞްބަތްވާ 6 މީހުންނާއި ކަޅު ނަސްލު ހިމެނޭގޮތަށް އެކި ނަސްލުތަކަށް ނިޞްބަތްވާ 6 މީހުން ތިއްބެވެ. ޖޫރީން ނިންމީ ޝޫވިންއާ ދެކޮޅަށް އުފުލާފައިވާ 3 ދަޢުވާވެސް ސާބިތުވާކަމަށެވެ. ޝޫވިންއާ ދެކޮޅަށް ކުށް ސާބިތުވާކަމަށް ނިންމުމުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށް ނުލެވޭނެކަމަށްވަނީ ވަގުތުން ކަނޑައަޅައިފައެވެ. އޭނާގެ މައްޗަށް ޙުކުމް އިއްވާނީ 8 ހަފުތާފަހުން ބާއްވައި އަޑުއެހުމެއްގައެވެ.

ފުލޮޔިޑުގެ ޢާއިލާގެ ފަރާތުން ވަކާލާތުކުރާ ބެންޖަމިން ކުރަންޕު ބުނީ ކަޅު ނަސްލުގެ މީހަކަށް އިންސާފު ލިބުމަކީ އެމެރިކާގެ ހުރިހާ ރައްޔިތުންނަށް އިންސާފު ލިބުންފަދަ ކަމެއްކަމަށެވެ. ޖޯޖު ފުލޮޔިޑުގެ މައްސަލައަކީ އެމެރިކާގެ ތާރީޚުގައި ސަލާމަތީ ބާރުތައް ޖަވާބުދާރީކުރުވުމުގައި ގެނެވުނު މުހިންމު އިންޤިލާބީ ބަދަލެއްކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ފުލޮޔިޑުގެ މަރާ ގުޅިގެން އެމެރިކާއާއި ދުނިޔޭގެ އެކި ޤައުމުތަކުގައި ވަރުގަދަ މުޒާހަރާތަކެއްވަނީ ކޮށްފައެވެ. ފުލޮޔިޑު މަރާލުމުގެ ދައުވާ ޝޫވިންއާ ދެކޮޅަށް ސާބިތުވުމުން ގިނަ ޢަދަދެއްގެ މީހުން ދަނީ އެކަމާމެދު އުފާކުރަމުންނެވެ.