މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ޓެނިސް ކުޅުންތެރިޔާ ރޮޖަރ ފެޑެރަރ ބައިވެރިވާނެކަން ހާމަކޮށްފިއެވެ. ފެޑެރަރ އަންނަނީ އޭނާގެ ކަކުލަށް ލިބިފައިވި އަނިޔާ އަކާއި ގުޅިގެން ކުރި އޮފަރޭޝަނަށްފަހު އެނބުރި އައިސް ކުޅުމުގެ ތެރެއަށް ނިކުތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތަށްފަހު ފެޑެރަރ ގްރޭން ސްލޭމް މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. ގްރޭން ސްލޭމް 20 މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރަރވަނީ 14 މަސް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް މިދިޔަ މަހުގެ ބޭއްވި ގަތަރު އޯޕަން ޓެނިސް މުބާރާތުގައި ވާދަކޮށްފައެވެ. އެފަހަރު ފުރަތަމަ މެޗުން މޮޅުވި ނަމަވެސް ދެވަަނަ މެޗުންވަނީ ބަލިވެފައެވެ. އަދި އޭގެފަހުން އެއްވެސް މެޗެއް ފެޑަރަރ ކުޅެފައެއް ނުވެއެވެ. ފެޑެރަރ ހާމަކުރިގޮތުގައި މިއަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކްލޭ ކޯޓް މުބާރާތެއް ކަމަށްވާ ޖެނިވާ އޯޕަންގައި ވާދަކުރުމަށްފަހު މިއަންނަ މަހުގެފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަންގައި އޭނާ ބައިވެރިވާނެއެވެ. މިއަހަރު ބޭއްވި ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރެވޭތޯވެސް ފެޑެރަރ މަސައްކަތް ކުރިއެވެ. ނަމަވެސް އެހާތަނަށް މުޅިން ފިޓްނުވާތީ އެމުބާރާތުގައި ބައިވެރި ނުވާން ނިންމީއެވެ.
މިފަހަރުގެ ފްރެންޗް އޯޕަން މިހާރު ފެށުމަށް ހަމަޖެހިފައިވަނީ ކުރިން ފެށުމަށް ހަމަޖެހިފާވި ތާރީހަށްވުރެ އެއް ހަފްތާފަހުންނެވެ.