ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ވަރަށް އަވަހަށް ނަތީޖާއެއް ނެރެވޭނެ - ޕީޖީ ޝަމީމް


ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގޯސްތަކެއް ހިމެނޭ އިތުރު ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށާ، މި މައްސަލާގައި ވަރަށްއަވަހަށް ނަތިޖާއަކާ ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުޤީޤްކޮށް ދަޢުވާކުރަން ދެއަހަރެއްގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުންވެސް ޕީޖީންވަނީ ދަޢުވާކުރެވޭވަރަށް ހެކި ނެތްކަމަށްބުނެ އެމައްސަލަ އަނބުރައި ފޮނުވާލާފައެވެ. ނަމަވެސް މިމައްސަލާގައި ދަޢުވާ ނުކުރުމަށް ޕީޖީ ނިންމި ނިންމުމާމެދު އޭސީސީއާ ޢާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނެގަތުމަށް ނިންމާއިފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅިވެފައިވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވީ، މިމައްސަލާގައި ދައުވާ ނުކުރުމަށް އެއްވެސް އިރެއްގައި މަސައްކަތް ކުރައްވާފައި ނުވާނެކަމަށެވެ. އަދި ދައުވާކުރެވޭ ވަރަށް ހެކި ހުރެއްޖެނަމަ ދައުވާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ލިޔެކިއުންތަކަށް ބަލާއިރު އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނެ ހެތްކެއް މިހާތަނަށް ދެއްކިފައި ނުވާކަމަށް ޕީޖީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅި ޑޮކިއުމަންޓްތަކެއްގަ އަދިނެތޭ ކުށެއް ސާބިތުވާވަރުގެ ހެއްކެއް . އަޅުގަނޑުމެން ދެން އޭސީސީގައި ދަންނަވާފައިވާނެ އިތުރަށް ތަހުގީގް ފުރިހަމަކުރައްވަން. އިތުރު ބައެއް ކަންކަން އަޅުގަނޑުމެންނަށް އެބަފެނޭ ބަލަންޖެހޭ ކަންތައްތަކެއް. އެނގިވަޑައިގަންނަވާނެ މި މައްސަލައަކީ ވަރަށް ބޮޑަށް ޤައުމީ މަސްލަހަތު އޮތް، ވަރަށް ޕަބްލިކް އިންޓްރެސްޓް ބޮޑު މައްސަލައެއް. އަޅުގަނޑުމެން ޢާންމުކޮށް ކުރާކަމެއްނޫން ތަހުގީގީ ނަޒަރުން މައްސަލަތައް ބެލުން. އަޅުގަނޑުމެން ކުރާކަމަކީ ހެކި ވަޒަންކުރަނީ. ނަމަވެސް މި މައްސަލައިގެ ޚައްޞާޞްކަމުން އަޅުގަނޑުމެން ވާނެ ވަރަށް ބޮޑަށް ޢާންމުކޮށް ބަލާވަރަށްވުރެ މާބޮޑަށް، މާގާތުން މިމައްސަލަ ބަލާފަ. އަޅުގަނޑު ދެފަހަރެއްގެ މަތިން އަލުން މުރާޖަޢާވެސް ކޮށްފިން." ޕީޖީ ވިދާޅުވިއެވެ.

ޙުސައިން ޝަމީމް ވިދާޅުވީ އެންމެ ފަހުން ބެލި ބެލުމުން އަދިވެސް އިތުރު ކަންތައްތަކެއް ފުރިހަމަވާން ޖެހޭކަމަށް ފާހަގަކުރެވިގެން އެކަންތައް އަލުން ފޮނުވައިދެއްވުމަށް އޭސީސީގައި އެދިފައިވާނެކަމަށެވެ. އެގޮތުން މިހާރު ބަލަމުންދާ ކަންކަން ބެލުމުން މިމައްސަލާގައި ކޮންމެވެސް ނަތީޖާއަކާ ހަމައަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ މިމައްސަލާގައި އައު ކަންންތައްތަކެއް މިހާރު ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެކަންކަން ބެއްލެވުމަށްފަހު، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން މައްސަލާގައި ޢާންމުންނަށް އޭގެ ނަތީޖާއަށް ދެވިއްޖެކަމުގެ އިހްސާސްވާ ކަހަލަ ނަތިޖާއެއް ފެންނާނެކަމަށެވެ. ނަމަވެސް އެކަން ބަރޯސާވަނީ ތަހުގީގީ އިދާރާތަކަށްކަންވެސް ޕީޖީ ފާހަގަކުރެއްވިއެވެ. އެހެންކަމުން އުއްމީދު ކުރައްވަނީ އެ މަޢުލޫމާތުތައް މިފަހަރު ލިބޭނެކަމަށްކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ބެލެވޭ މިހާރު މިބަލާ ކަންކަން ބެލުނީމަ، އަޅުގަނޑުމެންނަށް ކޮންމެވެސް ކޮޅެއްގަ ޖެހޭވަރަށް މައްސަލަ ގެންދެވޭނެކަމަށް. ދެން އެންޓިކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންވެސް ވިދާޅުވޭ ތިމަންނަމެން އެ ފައިސާ ވަދެފައިވާގޮތެއް ބަލާފައެއް ނޯންނާނޭ. ތެދެއްމެ ފައިސާ ދިޔަތަނަކާ ދިޔަ ގޮތެއް ބެލުމަކީ ކުށަކާ ގުޅޭ ކަމެއްނޫން. ނަމަވެސް އަޅުގަނޑުމެންނަށް ބެލެން އޮތްކަމެއް ނުބަލާ ދޫކޮށްލައިގެންވެސް ނުވާނެ. އެހެންވީމަ އެކަންކަންވެސް އިތުރަށް ސާފުކުރުމަށް އަޅުގަނޑުމެން ދަންނަވާފައިވާނެ." ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މިހާރު ހޯދިފައިވާ ހޯދުންތަކުން ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް އެބަހުރިކަމަށެވެ. އެ ޖަވާބު ލިބުމުން މި މައްސަލަ ވެފައިއޮތްގޮތް ވަރަށް ރަނގަޅަށް ސާފުވާނެކަމަށެވެ.

"އެބަހުއްޓޭ އިތުރަށް ސާފުކުރަންޖެހޭ ކަންތައްތަކެއް. އަނެއްހެން ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް އެބަހުރި. އެސުވާލުތަކުގެ ޖަވާބު ހޯދަން ތަހުގީގްކުރީމަ އެނގޭނީ އެ ކިހިނެއް ވެފައޮތް ކަމެއްތޯ. އަޅުގަނޑުމެން ބަލާބެލުމަށް ކޮންމެވެސްކަހަލަ ގޯސްތަކެއް އުޅޭކަމުގެ ކަންތައްތަކެއް އެބަފެނޭ. އެއީ ތަހުގީގްކުރުމަށް އަޅުގަނޑުމެން ދަންނަވާފައިވާ ކަންތައްތަކަކީ. އެކަންކަން ބެލުނީމަ އަޅުގަނޑަސް ހީވަނީ މީގައި ވެފައޮތްގޮތް ރައްޔިތުންނަށް ސާފުވާވަރު ވެދާނެހެން." ޕީޖީ ވިދާޅުވިއެވެ.

ވެންޓިލޭތަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާކުރަން ފޮނުވުމަށް އޭސީސީން އަންނަނީ އިތުރަށް ދިރާސާ ކުރަމުންނެވެ. ދުބާއީގެ އެގްޒެކިއުޓާސްއާ ޙަވާލުކޮށްގެން ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކުގެ މައްސަލާގައި ސަރުކާރުގެ މިހާރުގެ ވިސްނުން ހުރީ އެފައިސާ އަނބުރާ ހޯދުންކަމަށާ، އެހެންކަމުން އެމައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމަވާފައިވާކަަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.