ކުޅިވަރު

ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗުކަމުން ޖޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ. ސްޕަރސްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފައިމިވަނީ ފަހަކަށް އައިސް ރަނގަޅު ނަތީޖާތަކެއް ނެރެވެމުން ގޮސްފައިނުވާތީއެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ސްޕަރސްގެ ކޯޗުކަމާއި ހަވާލުވި މޮރީނިއޯއަށް އެމަގާމުގައި ހުރެވޭވަރުމިވީ 17 މަސްވަންދެންނެވެ. މޮރީނިއޯގެ ކޯޗުކަމުގެ ދަށުން މިދިޔަ ސީޒަން ސްޕަރސް ނިންމާލީ ލީގުގެ ހަވަނައިގައިއޮވެގެންނެވެ. އަދި މިސީޒަންގައި މިވަގުތު ސްޕަރސް އޮތީ ލީގުގެ ހަތްވަނައިގައެވެ. އަދި އެންމެފަހުން ކުޅުނު ތިން މެޗުން ހޯދިފައިވަނީ ދެ ޕޮއިންޓެވެ. މީގެއިތުރުން މާރޗް މަހުގެ ތެރޭގައި ސްޕަރސް ވަނީ ޔޫރޮޕާ ލީގުންވެސް ކަޓާފައެެވެ. ސްޕަރސްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރިއިރު މިމަހުގެ 25 ވަނަ ދުވަހު ކަރަބާއޯ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް ނިކުންނާނެއެވެ. މޮރީނިއޯގެ އިތުރުން އޭނާގެ ކޯޗިންގ ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރި ޖޯއޮ ސެކްރެމެންޓޯ އާއި ނޫނޯ ސަންޓޯ އާއި ކާލޯސް ލެލިން އަދި ޖިއޮވާނީ ސޭރާވެސްވަނީ މަގާމުން ވަކިކޮށްފައެވެ.

ސްޕަރސްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމަށްފަހު ސްޕަރސްގެ ޗެއާމަން ޑެނިއަލް ލެވީ ބުނީ ކްލަބަށް އެންމެ ގޮންޖެހުންތައް ދިމާވި ދުވަސްވަރު މޮރީނިއޯ އާއި އޭނާގެ ސްޓާފުންވަނީ ޓީމާއެކު ވަރަށް ސާބިތުކަމާއެކު މަސައްކަތް ކޮށްފައިކަމަށެވެ. އަދި މޮރީނިއޯ އާއި އެކު މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި ނަމަވެސް ދެމީހުން އުންމީދު ކުރިގޮތަށް ޓީމުގެ ނަތިޖާތަށް ނުކުމެފައިނުވާކަމަށެވެ. އަދި މޮރީނިއޯ އާއި އޭނާގެ ސްޓާފުން ކުރިމަސައްކަތަށް ކްލަބްގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށްވެސް ލެވީ ބުނި.
.
މިފަހަރުގެ ސީޒަނަކީ މޮރީނިއޯއަށް ކޯޗިންގ ކެރިއަރުގައި މިހާތަނަށް ދިމާވި އެންމެ ގޮންޖެހުން ބޮޑު ސީޒަނެވެ. އެގޮތުން އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އެއް ސީޒަނެއްގައި 10 މެޗުންވަނީ އޭނާގެ ޓީމް ބަލިވެފައެވެ. ނަމަވެސް މިފަހަރުގެ ސީޒަން ސްޕަރސްއިން ފެށީ ވަރަށް ކާމިޔާބުކޮށެވެ. އެގޮތުން ސީޒަންގެ ކުރީކޮޅު ސްޕަރސްވަނީ މެންޗެސްޓަރ ޔުނައިޓެޑް 6 ލަނޑު އެއްލަނޑުން ބަލިކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު އާސެނަލް 2 ލަނޑު ސުންލަނޑުން ބަލިކުރުމާއެކު ލީގުގެ ޕޮއިންޓް ތާވަލްގެ އެެއްވަނައަށްވެސް ސްޕަރސް އެރިއެވެ. ނަމަވެސް އެއްވަނަ އަށް އެރިތާ މާގިނަ ދުވަހެއް ނުވެ ލިވަޕޫލް އަތުން ބަލިވެ ދެވަނައަށް ވެއްޓި އަދި އޭގެފަހުން މިހާތަނަށް ކުޅުނު 19 މެޗުން މޮޅުވެފައިވަނީ 7 މެޗުންނެވެ. އަދި އަށްމެޗުން ވަނީ ބަލިވެފައެވެ.

ސްޕަރސްގެ ކޯޗުގެ ގޮތުގައި މޮރީނިއޯ ފެނިގެންދިޔަ އެންމެ ފަހު މެޗަކަށް ވެގެން މިދިޔައީ އެންމެ ފަހުން ލީގުގައި އެވަޓަން އާއި ބައްދަލުކޮށް 2 ލަނޑު 2 ލަނޑުން އެއްވަރުވި މެޗެވެ. މިވަގުތު ސްޕަރސްގެ ކޯޗުގެ މަގާމާއި ވަގުތީގޮތުން ހަވާލުވާނީ އެޓީމްގެ ކުރީގެ ކުޅުންތެރިޔާ ރަޔަން މޭސަންއެވެ.