މޮންޓެ ކާލޯ މާސްޓަރސް ޓެނިސް މުބާރާތުގެ ޗެމްޕިއަން ކަން ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ސިޓްސިޕާސް ހޯދީ ފައިނަލްގައި ރަޝިޔާގެ އަންޑްރޭ ރުބްލޭވް އާއި ބައްދަލުކޮށް ސިދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
ދުނިޔޭގައި ފަސްވަނައަށް ރޭންކް ކުރެވިފައިވާ ސިޓްސިޕާސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އޭނާ ސެޓްތައް ގެންދިޔައީ ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. މިއީ ސިޓްސިޕާސްއަށް ކާމިޔާބު ކުރެވުނު މާސްޓަރސް ވަން ތައުޒަންޑްގެ ފުރަތަމަ މުބާރާތެވެ. މިގަހަރުގެ މުބާރާތުގައި ސިޓްސިޕާސް ކުޅުނު އެއްވެސް މެޗެއްގައި އެންމެ ސެޓެއްވެސް ގެއްލިފައެއް ނުވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިޓް ސިޕާސް ބުނީ މިއީ އޭނާއަށް މިހާތަނަށް އެންމެ ރަނގަޅަށް ކުޅެވުނު އެއް މުބާރާތް ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ކްލޭ ކޯޓް ސީޒަން އޭނާއަށް މިއަށްވުރެ ރަނގަޅަށް ނުފެށޭނެ ކަމަށާއި އަދި މޮންޓެ ކާލޯ ގައި ދިރިއުޅޭ ސިޓްސިޕާސްއަށް މޮންޓެ ކާލޯގައި މިމުބާރާތް ކާމިޔާބު ކުރެވުމުން އިތުރު އުފަލެއް ލިބިގެންދިޔަކަމަށެވެ.
މި މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ކްރޮއޭޝިއާއަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށްވާ ނިކޮލާ މެކްޓިޗް އާއި މޭޓް ޕަވިޗްއެވެ. މިދެ ކުޅުންތެރިން މި މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ޑެން އިވާންސް އާއި ނީލް ސްކުޕްސްކީ އާއި ބައްދަލުކޮށް 2 ސެޓް އެއް ސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހަތަރެއް ހައެއް އަދި ދިހައެއް ހަތަކުންނެވެ.