ޚަބަރު

ސަޢުދީ ޢަރަބިއްޔާއާއި އީރާނުން ސިއްރުން މަޝްވަރާކޮށްފި


ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް ދެ ޤައުމުގެ ދެމެދުގައި ސިއްރު މަޝްވަރާތަކެއްކޮށްފިއެވެ. އެ މަޝްވަރާތައް ބާއްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުން ކަނޑާލާފައި އޮންނަތާ ހަތަރު އަހަރު ފަހުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު ބޭއްވި މަޝްވަރާތައް ބާއްވާފައިވަނީ ޢިރާޤުގެ ބަޣުދާދުގައި އޭޕްރިލް މަހުގެ 9ވަނަ ދުވަހުއެވެ. އެ މަޝްވަރާތަކުގައި ސަޢުދީ ޢަރަބިއްޔާއާ ދެކޮޅަށް ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީން ދެމުންދާ ޙަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ. ނަމަވެސް އެފަދަ މަޝްވަރާތަކެއް ބޭއްވިކަމަށް ސަޢުދީ ޢަރަބިއްޔާއާއި އީރާނުން އެއްބަސްވެފައެއް ނުވެއެވެ.

ސަޢުދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު މަޝްވަރާތަކެއް ބާއްވާފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެނައުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި 2015ވަނަ އަހަރު ދުނިޔޭގެ ބާރުތަކާއެކު އީރާނުން ސޮއިކޮށްފައިވާ ނިޔުކުލިޔަރ އެއްބަސްވުމަށް ޢަމަލުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން އެ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ. ސަޢުދީ ޢަރަބިއްޔާއިންވަނީ އެ އެއްބަސްވުމުން އެމެރިކާއިން ވަކިވުމުން އެކަމަށް ތާއީދުކޮށްފައެވެ.