ޚަބަރު

ބޭރުގައި މާސްކު އަޅަންޖެހޭ ޤަވާއިދު އިސްރާއީލުގައި އުވާލައިފި


ކޯވިޑް-19ން ރައްކާތެރިވުމުގެ ގޮތުން ބޭރުގައި މާސްކު އަޅަންޖެހޭގޮތަށް އިސްރާއީލުގައި ޢަމަލުކުރަމުންދިޔަ ޤަވާއިދު އުވާލައިފިއެވެ. އިސްރާއީލުގައި މާސްކު ބޭނުންކުރުން ހުއްޓާލާފައިވަނީ އެ ޤައުމުގައި ކާމިޔާބުކަމާއެކު ވެކްސިން ޖަހަމުންދާ ދަނޑިވަޅެއްގައެވެ.

އާބާދީގެ ނިޞްބަތުން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދީފައިވަނީ 9.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިސްރާއީލުގައެވެ. އެ ޤައުމުގައި އުމުރުން 16 އަހަރުން މަތީގެ 81 އިންސައްތަ މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދާއި ހަސްފަތާލުގައި ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އިސްރާއީލުގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ޤަވާއިދު ބާޠިލްކުރި ނަމަވެސް އާންމުން އެއްވެ އުޅޭ އެތެރޭގެ މާޙައުލުތަކުގައި އަދިވެސް މާސްކު އަޅަންޖެހޭނެއެވެ. އިސްރާއީލުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފަސޭހައިން އަތުޖެހޭގޮތަށް މާސްކެއް ބޭއްވުން އަދިވެސް މުހިންމުކަމަށެވެ.

ޤައުމުން ބޭރުގެ މީހުން އިސްރާއީލަށް އެތެރެވުން އަދިވެސް އޮތީ މަނާކޮށްފައެވެ. އަދި ބޭރު ޤައުމުތަކުން އިސްރާއީލަށް އަންނަ އެ ޤައުމުގެ ރައްޔިތުން ވެކްސިން ޖަހާފައިނުވާނަމަ އެ މީހުން އެކަހެރިވާން ޖެހޭނެއެވެ. އެގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ އައު ވައްތަރުތައް އެ ޤައުމުގައި ފެތުރުނަ ނުދިނުމަށެވެ. އިސްރާއީލުން ބުނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދިން ނަމަވެސް އުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެކްސިން ދީފައިނުވާކަމަށާއި އެއީ ރައްކާތެރިކުރަންޖެހޭ އުމުރުފުރައެއްކަމަށެވެ.

ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ދީފައިވާ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނަށް ކޯވިޑް-19ގެ ވެކްސިން ދިނުމަށް އެހީތެރިނުވުމުން އެ ޤައުމަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އިސްރާއީލުގައި ބާކީވެފައިވާ ވެކްސިންގެ ޑޯޒުތައް ފަލަސްޠީނުގެ ރައްޔިތުންނަށް ދިނުމުގެ ބަދަލުގައި އެ ޤައުމުންވަނީ އެހެން ޤައުމުތަކަށް ފޮނުވައިފައެވެ.