ކުޅިވަރު

ވެލެންސިއާ ދެކޮޅަށް ނުކުންނަ މެޗަކީ ޓީމު ފޯމަކަށް އެޅުވުމަށް ލިބޭ ފުރުސަތެއް-އިންމަ


ކްލަބް ވެލެންސިއާ ދެކޮޅަށް ނުކުންނަ މެޗަކީ ޓީމު ރަނގަޅު ފޯމަކަށް އެޅުވުމަށް ލިބޭނެ ރަނުގެ ފުރުސަތެއްކަމަށް ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހުފޫޒު އިންމަ ބުނެފއެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ރަނގަޅު ކުޅުމެއް ނުދެއްކުނީ، ޓީމެއްގެ ގޮތުގައި ކުޅުންތެރިން މަސައްކަތް ނުކުރުމުންކަމަށާ، އެގޮތުން ކުޅުންތެރިން ކުޅުމުގެ ތެރެއިން އެކަކު އަނެކަކަށް އެހީތެރިނުވެ، ކުޅުންތެރިއަކަށް ކުޅުމުގެ ތެރޭގައި ހެދޭ ގޯސްތަކަށް، އެކަކު އަނެކަކަށް ބަހުގެ ހަމަލާތަށް ދިނުމާ، ގެންގުޅުނު ބަސްމަގު ހަޑިވުމުގެ ނަތީއްޖާއަކަށްވީ ކުޅުންތެރިން ޕްރެޝަރަށް ވެއްޓި މެޗުން ބަލިވުންކަމަށް ކޯޗް މަހުފޫޒު ބުނެޏެވެ. ވެލެންސިޔާ މެޗުން މޮޅެއް ހޯދަން ބޭނުންވާނަމަ، ކުޅުންތެރިން ރަނގަޅު ކުރަންޖެހޭ ކަންތައްތައްކަމަށާއި، މިހާރު ކުޅުންތެރިން އެކަމަށް މަސައްކަތް ކުރަމުންދާކަންވެސް މަހުފޫޒު ފާހަގަކުރިއެވެ. ވެލެންސިއާއާ ދެކޮޅަށް ނުކުންނަ މެޗުން ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުޅެން މަސައްކަތް ކުރާނެކަމަށާ، އެންމެ ފަހު މެޗުން ބަލިވިނަމަވެސް ކުރީ މެޗުގައި ކުޅުންތެރިން ވެއްޓުނުހާ ދަށު ދަރަޖައަށް ވެއްޓުނަ ނުދޭނެކަމަށް މަހުފޫޒު ބުންޏެވެ. އަދި މިމެޗުން މޮޅުވެއްޖެނަމަ ކުޅުންތެރިން ކުރިޔަށް ދިޔުމަށް އިތުރު ހިއްވަރެއް ލިބޭނެކަމަށާ، ކޮންމެ ފަދަ ނަތީއްޖާއެއް ލިބުނަސް، ކުޅުމުގެ ރޫހާ އެއްގޮތަށް ކުޅުންތެރިންގެ އަމަލުތައް ބަހައްޓާނެކަމަށް އުއްމީދު ކުރާކަމަށް އޭނާ ބުންޏެވެ.

މެޗާގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން އިންމަ ބުނީ ކުޅުންތެރިންނަށް ހިތްހަމަ ޖެހޭ ވަރަށް ޕްރެކްޓިސް ނުކުރެވުނު ކަމަށާ، ފުރަތަމަ ބުރުގަ ދެއްކި ކުޅުމަށް އަޅާބަލާއިރު ބްރޭކަށް ފަހު ކުޅުނު މެޗުތަކުން ދައްކަމުންދާ ކުޅުމާމެދު ހިތްހަމަނުޖެހޭކަމަށްވެސް މަހުފޫޒު ބުންޏެވެ. އަދި މިރޭ ކުޅޭ މެޗުން މޮޅުވާން މަސައްކަތް ކުރާނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.