ކުޅިވަރު

ތިން ޕޮއިންޓާއެކު ދަނޑުން ފޭބުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނަން - އާތީ


ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނަ މެޗުން، ތިން ޕޮއިންޓާއެކު ދަނޑުން ފޭބުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށް ކްލަބް ވެލެންސިއާގެ ކޯޗް މުޙައްމަދު އާތިފު ބުނެފި.

މި ލީގުގެ ފުރަތަމަ ބުރުގައި ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗަކީ ހަމައެކަނި ވެލެންސިއާ އަތުން ގެއްލުނު މެޗުކަމަށާ، އެ މެޗު ނިމުނު ގޮތާމެދު ހިތްހަމަ ނުޖެހޭކަން ފާހަގަ ކުރަމުން އާތިފު ބުނީ، ލީގްގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން މޮޅު ނުވިނަމަވެސް މުޅި މެޗުގައި ބޯޅަ ގެންގުޅެ، މެޗް ކޮންޓްރޯލް ކުރީ ވެލެންސިއާއިން ކަމަށެވެ. މެޗު ނިމެނިކޮށް ލިބުނު ޕެނަލްޓީވެސް ކާމިޔާބު ނުކުރެވި މެޗުން ބަލިވުމުން، ކުޅުންތެރިންނަށް ލިބުނު ތަޖްރިބާ، މިރޭ ކުޅޭ މެޗުގަ ބޭނުންކުރާނެ ކަމަށާ، މިރޭ މެޗަށް ކުޅުންތެރިން ވަރަށް ބޮޑަށް ތައްޔާރުވެގެން ތިބިކަމަށް ވެސް އާތިފު ބުންޏެވެ. އާތީ ބުނީ ވެލެންސިއާއަށް ތިން ޕޮއިންޓް ހޯދުން މުހިއްމީ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅޭތީ ނޫންކަމަށާ، ކޮންމެ ބަޔަކާ ދެކޮޅަށް ކުޅުނަސް ވެލެންސިއާއަށް ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓް ހޯދުން ވަރަށް މުހިއްމު ކަމަށެވެ. ފުރަތަމަ ބުރުގަ ދަ ގްރާންޑޭ އަތުން ބަލިވިނަމަވެސް، ކުޅުންތެރިން މިމެޗްއަށް ނުކުންނާނީ މެޗުން މޮޅުވާންކަމަށާ، ކުޅުންތެރިން ގެންގުޅޭނީ ޕޮޒިޓިވް ވިސްނުމެއްކަމަށް ވެސް އާތީ ބުންޏެވެ. އަދި ޓީމެއް ބިލްޑް ކުރަން ދުވަސްކޮޅެއް ނަގާނެކަމަށާ، ވެލެންސިއާ ޓީމް މިހާރު ބިލްޑްވަމުން އަންނަ ކަމަށް ވެސް އާތިފް ބުންޏެވެ. ދަ ގްރާންޑޭއާ ދެކޮޅަށް ނުކުންނަ މެޗުގަ ކާޑު ހަމަވުމުން އަކްރަމް އަބްދުލް ޢަނީއަށް ނުކުޅެވޭނެކަން ފާހަގަކުރަމުން އާތިފް ބުނީ، އަކޫ ނެތްތަން ފޫބެއްދުމަށް ވަނީ ޓީމް ރާވާފައިކަމަށެވެ. އަދި ކުރިއާ އަޅާބަލާއިރު ކުޅުންތެރިން ރޮޓޭޓުކުރުމަށް ކުރިއަށް ވުރެ ގިނަ އޮޕްޝަން އެބަހުރި ކަމަށާ، ލީގެއްގައި ބާވީސް ނުވަތަ ވިހި މެޗު ކުޅޭ އިރު، އެގާރަ ކުޅުންތެރިންނާއެކު ލީގެއް ނުނިންމޭނެކަމަށާ، މިހާރު ވެލެންސިއާގައި ވެސް ކުރިއާއަޅާބަލާއިރު ހިތްހަމަ ޖެހޭވަރަށް ރިޒާވް ކުޅުންތެރިން އެބަތިބިކަމަށް އާތިފް ބުންޏެވެ. ވެލެންސިޔާގެ ފޯވާޑް އަލީ އަޝްފާގު އަނިޔާގަ ހުރިނަމަވެސް، ދަގަނޑޭއަށް ކުޅެވޭނެ ކަމުގެ އިޝާރާތެއް ދިނުމުން، ކޯޗުގެ ހައިސިއްޔަތުން އަޝްފާގަށް މެޗަށް އެރުމަށް ފުރުސަތު ދޭނެކަމަށާ، ނަމަވެސް، ގޮތް ނިންމާނީ ކުޅުންތެރިޔާގެ ލަފަޔާއެކު ކަމަށް އާތިފް ބުންޏެވެ. އާތީ އިތުރަށް ބުނީ ވެލެންސިއާއަށް ހަމަނޭވާ ލައިގެން މަޑުޖައްސާލެވެން ނެތްކަމަށާއި އަދި ކުރިއަށް އޮތް ހަތަރު މެޗުން ވެލެންސިޔާއަށް މޮޅު ހޯދުން ވަރަށް މުހިއްމުކަމަށެވެ.

ޕޮއިންޓް ތާވަލުގައި ދަ ގްރާންޑޭއަށް ވުރެއް ވެލެންސިއާއަށް ކުރި ލިބިފަ އޮތަސް، ކޮންމެ މެޗަކީ ވެސް މުހިއްމު މެޗެއްކަމަށް ދެކިގެން ކުޅޭނެކަމަށާ، ކުޅިވަރަކީ މޮޅާ ބަލީގެ މައްޗަށް ބިނާވާ ކަމަކަށް ވުމުން، ކުރީބައިގަ ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށް ކޯޗު އާތީ ބުންޏެވެ. އަމާޒަކީ ކުރިއަތް އޮތް ހަތަރު މެޗުން ވެސް މޮޅުވެ މިހާރު ޕޮއިންޓް ތާވަލުންގަ ދަމަހައްޓަމުންދާ ދެވަނަ މަޤާމް ދިފާއުކުރުން ކަމަށް ވެސް ކޯޗް އާތީ ވަނީ ބުނެފައެވެ.