ކުޅިވަރު

ރޭގެ ލިބުނު މޮޅަކީ ރޭހުގެ ތެރެޔަށް ވަންނަން ލިބުނު ފުރުސަތެއް - އިހުސާން


ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ މައްޗަށް ލިބުނު މޮޅާއެކު މިއީ ރޭހުގެ ތެރެޔަށް ވަންނަން ލިބުނު ބޮޑު ފުރުސަތެއްކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗް އިހްސާން އަބްދުލް ޤަނީ ބުނެފިއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން އިހްސާން ބުނީ، ޔޫވީ އަށް ލިބުނު މި މޮޅަކީ ކުޅުންތެރިންގެ ކެތްތެރިކަމާ ކުރި ބުރަ މަސައްކަތުގެ ނަތީއްޖާކަމަށެވެ. ހާއްސަކޮށް މެސީއާ، ބަކާ އިސްނަގައިގެން ކުޅުންތެރިން އެކަތި ގަޑަކަށް ހަދަން ކުރި މަސައްކަތާ، ޕޮއިންޓް ތާވަލުން ކުރިޔަށް ޖެހިނުލެވި އޮތުމުން ކުޅުންތެރިންނަށް ލިބުނު މާޔޫސްކަމާ ހިތްވަރު އެލުމުން ކުޅުންތެރިން ދުރުކުރަން މެސީއާ، ބަކާފަދަ ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާކަމަށް ކޯޗް އިހްސާން ބުންޏެވެ. މި ލިބުނު މޮޅާއެކު ޓީމު އެކަތިގަޑަކަށްވެ، މޮޅުވުމުގެ ރޫހު ޓީމުގެ މެދުގައި އާލާވެގެން ދިޔަކަމަށް ވެސް އިހްސާން ބުންޏެވެ. އަދި ކުރިޔަށް ކުޅެން ހުރި ކޮންމެ މެޗަކުން ވެސް ތިން ޕޮއިންޓް ހޯދަން މަސައްކަތް ކުރާނެކަމަށް ވެސް އޭނާ ބުންޏެވެ.


ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ، ކުޅުންތެރިންނަށް ޓީމެއްގެ ގޮތުގަ މަސައްކަތް ނުކުރެވުމުން ކަމަށާ، މެޗުން ބަލިވާއިރު ވެސް ކުޅުންތެރިން ފަރާތުން ދައްކަން ޖެހޭ ހިތްވަރާ، ފަހަތުން އަރައި މޮޅުވާން އޮންނަ އަޒުމް ކުޅުންތެރިންގެ ކިބައިން ނުފެނުމުންކަމަށް މެޗަށް ފަހު ވާހަކަ ދައްކަމުން ސުޕަރ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗް މުހައްމަދު ޝިޔާޒު ބުންޏެވެ. މެޗަށް ފަހު ވާހަކަދައްކަމުން ޝިޔާޒު ބުނީ ލީގުގެ މެދަކަށް އައިސް އޮއްވާ، ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. މެޗުގެ ކުރީ ކޮޅު ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ޔޫވީ ލީޑް ނެގި ހިސާބުން، ކުޅުންތެރިންގެ ހިއްވަރު އެލި، ލިބުނު ހުސް ފުރުސަތުތައް ވެސް އަތުން ދޫވީކަމަށް ޝިޔާޒު ބުންޏެވެ. އަދި އަޒުމަކީ ކުރިޔަށް އޮތް މެޗުތަކުން ތިން ޕޮއިންޓް ހޯދާ ރެލިގޭޝަނުން ސަލާމަތްވުންކަމަށެވެ. ރޭގަައި ކުޅުނު މެޗުން ކުޅުންތެރިން ފަރާތުން ފެނުނު ކުޅުން ކުރިއަށް އޮތް މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިއްޖެނަމަ، ރެލިގޭޝަންގަ ކުޅުން ނޫންގޮތެއް ނެތްކަމަށްވެސް ޝިޔާޒު ބުންޏެވެ.