ކުޅިވަރު

ފަހެއް އެކަކުން ސަސް ބަލިކޮށް ޔޫވީގެ ދެވަނަ މޮޅު


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކުލަބް ބަލިކޮށް ޔުނައިޓެޑް ވިކްޓްރީން ލީގުގައި ދެވަނަ މޮޅު ހޯދައިފިއެވެ. މިމެޗް ޔޫވީއިން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 1 ލަނޑުންނެވެ.

ލީގުގައި ޔޫވީއަށް ފުރަތަމަ މޮޅު ލިބިފައިވަނީ އެންމެ ފަހުން އެޓީމު ކުޅުނު މެޗްގައި ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދި މެޗުންނެވެ. އެއީ ލީގުގައި 11 މެޗުން މޮޅެއް ނުލިބިއެވެ. މިއީ ޖެހިޖެހިގެން ޔޫވީއިން މޮޅުވި ދެވަނަ މެޗެވެ. މެޗުގައި އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ސަސްއިންނެވެ. އެޓީމްގެ އަހުމަދު ހަމީދު އޭރިޔާގެ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލީ ބޯޅަ ދިޔައީ ގޯލާއި ސީދާ ނުވެ ބޭރަށެވެ. މެޗުގެ ކުރީކޮޅުގައި ޔުނައިޓަޑް ވިކްޓްރީއަށް މާރަގަނޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ފުރަތަމަ ހާފްގެ މެދަކާއި ހަމައިން ފެށިގެން އެޓީމުންވަނީ ކުޅުން ރަގަނޅުކޮށް ސަސްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެގޮތުން މެޗްގެ 21 ވަނަ މިނެޓްގައި ޔޫވީގެ ކީރްލޯ ސިލިޗް ބޮލުން ޖެހި ބޯޅަ ޔޫވީގެ އުޒްބެކިސްތާން ކީޕަރު މިރްޒޮހިދުވަނީ މަތަކޮށްފައެވެ. މެޗްގައި ފުރަތަމަ ފަހަރަށް ލީޑްނެގީ ޔޫވީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކީރްލޯ ސިލިޗްއެވެ. މެޗްގެ 29ވަނަ މިނެޓްގައި ޔޫވީގެ އަހުމަދު ރަޝީދުވަނީ އިތުރު ލަނޑެއްޖަހާ މެޗްގެ ލީޑް ފުޅާކޮށްފައެވެ. ނަމަވެސް ޔޫވީއިން ލީޑް ފުޅާކުރިތާ ދެ މިނެޓްފަހުން ސަސްއިންވަނީ ލަނޑެއްޖަހައި ލީޑް ހަނިކޮށްފައެވެ. މިލަނޑު ސަސްއަށް ކާމިޔާބުކޮށްދިނީ ހަމީދު އަހުމަދުއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓަޑް ވިކްޓްރީއިންވަނީ ދެ ގޯލްގެ ލީޑްއެއް ނަގާފައެވެ. ޔޫވީގެ 3ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސާއެވެ.

މެޗްގެ ދެވަނަ ހާފްގައި ސަސްއިންވަނީ ކުޅުން ރަގަނޅުކޮށް ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި އާދަމް އިޝާމަށް ލިބުނު ދެ ފުރުސަތުވެސް އޭނާ ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ޔޫވީގެ 4ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 80ވަނަ މިނެޓްގައި އަލީ ހައިޝަމްއެވެ. ޔޫވީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 83ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި އިސްމާޢީލް އީސާއެވެ. ޔޫވީއިން ދެވަނަ މޮޅު ހޯދިއިރު، މިއީ މިހާ ތަފާތުބޮޑުކޮށް ސަސް ބަލިވި ފުރަތަމަ މެޗެވެ.

މި މޮޅާ އެކު ޔުނައިޓެޑް ވިކްޓްރީން ވަނީ ތާވަލްގެ ހަތް ވަނައިގައި އޮތް ސަސްއާ ތިން ޕޮއިންޓަށް ކައިރިއަށް ޖެހިލައިފައެވެ. އަށް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަށް 13 މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު، ސަސް 7 ވަނައިގައި އޮތީ 13 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.