ކުޅިވަރު

އިނގިރޭސި އެފް އޭ ކަޕްގެ ފައިނަލުން ޗެލްސީ ޖާގަހޯދައިފި


އިނގިރޭސި އެފް އޭ ކަޕްގެ ފައިނަލުން ޗެލްސީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަހޯދީ ސެމީފައިނަލްގައި މެންޗެސްޓަރ ސިޓީ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.
ވެންބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

މި މެޗްގެ ބޮޑު ބައިގައި ރަނގަޅަށް ކުޅުނުތަން ފެނިގެންދިޔައީ ޗެލްސީގެ ފަރާތުންނެވެ. އަދި މި ސީޒަންގައި ހަތަރު ތަށި ހޯދުމުގެ ފުރުސަތު އޮތް ސިޓީން މިމެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ގިނަ ބަދަލުތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. މިގޮތުން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ޑޯޓްމުންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ނެރުނު ފުރަތަމަ އެގާރައަށް އަށް ބަދަލެއް ގެނެސްފައިވާކަން ފާހަގަވެގެންދިޔައެވެ. މިމެޗްގައި ޗެލްސީއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 55 ވަނަ މިނެޓްގައި ޖަހައިދިނީ ހަކީމް ޒިޔެކްއެވެ. މިމެޗްގައި މީގެއިތުރުންވެސް ޗެލްސީއަށް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި މިމެޗްގައި ސިޓީއަށް ކިރިޔާވެސް ކުޅެވޭގޮތްވީ މެޗްގެ ފަހު 15 މިނެޓްގައެވެ. ނަމަވެސް އޭރު ޗެލްސީއިން ޑިފެންސަށް އިސްކަންދީގެން ލިބިފައިވި ލީޑު ދިފާއު ކުރުމަށް މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން ސިޓީއަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. އަދި މިމެޗްގެ ދެވަނަ ހާފްގައި ސިޓީގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކެވިން ޑި ބުރުއިނަރއަށް އަނިޔާ ވުމާއި ގުޅިގެން ސީޒަންގައި ކުރިއަށް ހުރި މުހިންމު މެޗްތަކުގައި އޭނާ ނުފެނުމުގެ ބިރުވެސް މިހާރުވަނީ ހީވާން ފަށާފައެވެ.

މިކާމިޔާބީއާއެކު ޗެލްސީއިން މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު މިއީ އެޓީމަށް ވަރަށް ކާމިޔާބު ހަފްތާއެކެވެ. އެއީ މި މުބާރާތުގެ ފައިނަލަށް ދިއުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުންވެސް ޗެލްސީ ޖާގަހޯދާފައިވުމުންނެވެ. އެއާހިލާފަށް ސިޓީއަށް މިނާކާމިޔާބީއާއެކު މިސީޒަންގައި ހަތަރު ތަށި ކާމިޔާބު ކުރުމަށް ލިބިފައިވި ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ.