ކުޅިވަރު

ކޮޕާ ޑެލް ރޭގެ ތަށި ބާސެލޯނާއިން އުފުލާލައިފި


ސްޕެނިޝް ކޮޕާ ޑެލް ރޭގެ ތަށި އެފްސީ ބާސެލޯނާއިން އުފުލާލައިފިއެވެ. މިމުބާރާތް ބާރސާ ކާމިޔާބުކުރީ ފައިނަލްގައި އެތުލެޓިކް ބިލްބާއޯ އާއި ބައްދަލުކުރިމެޗް 4-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގައި ބާރސާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ބިލްބާއޯއިންވަނީ މިމެޗްގެ ފުރަތަމަ ހާފްގައި ބާރސާއަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލާފައެވެ. ނަމަވެސް މިގޮތުގައި ބިލްބާއޯއަށް ހިފަހައްޓާލެވޭވަރުވީ މެޗްގެ 60 މިނެޓާއި ހަމައަށެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ލަނޑު ބާރސާގެ އެންޓޮއިން ގްރިޒްމަންވަނީ މެޗްގެ 60 މިނެޓްގައި ޖަހައިދީފައެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން ބާރސާގެ ދެވަނަ ލަނޑު ފްރެންކީ ޑި ޖޮންގ ކާމިޔާބުކޮށްދީ މިމެޗްގައި އެޓީމް ހަމަޖެހިލިއެވެ. އަދި ބާރސާގެ ތިންވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ލައޮނަލް މެސީއެވެ. މިލަނޑަކީ މެސީ އަމިއްލަ ހާފްގެ ތެރެއިން ހިފައިގެން ޑި ޖޮންގއާއެކު ދެ ފަހަރެއްގެ މަތިން ބޯޅަ ޕާސް ކުރުމަށްފަހު ޖެހި ވަރަށް ރީތި ލަނޑެކެވެ. އަދި ބާރސާގެ ފަހު ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހައިދިނީވެސް މެސީއެވެ.

މިއީ 2019 ވަނަ އަހަރަށްފަހު ބާރސާއަށް ކާމިޔާބުކުރެވުނު ފުރަތަމަ ތައްޓެވެ. އަދި މިއީ ބާރސާގެ ކޯޗް ރޮނާލްޑް ކޫމަންއަށްވެސް ބާރސާގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު ހޯދުނު ފުރަތަމަ ތައްޓެވެ. މީގެއިތުރުން ބާރސާއިން ދަނީ ސްޕެނިޝް ލަލީގާ ކާމިޔާބު ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި ނާކާމިޔާބީއާއެކު ބިލްބާއޯއަށް މިވަނީ ޖެހިޖެހިގެން ކޮޕާ ޑެލް ރޭގެ ދެ ފައިނަލުން ބަލިވެފައެވެ. ބިލްބާއޯވަނީ ކޯވިޑް-19ގެ ސަބަބުން މިއަހަރަށް ފަސް ކުރި މިދިޔަ އަހަރުގެ ކޮޕާ ޑެލް ރޭގެ ފައިނަލްގައި މީގެ ދެހަފްތާ ކުރިން ރެއާލް ސޮސިއެޑާޑް އާއި ބައްދަލުކޮށްވެސް ބަލިވެފައެވެ.