ކުޅިވަރު

ޔޫޓާ ޖޭޒް މައްޗަށް ލޭކަރސް ކާމިޔާބު ހޯދައިފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި މިސީޒަންގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންދާ ޔޫޓާ ޖޭޒް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ އިތުރުވަގުތު ކުޅެ 127 ޕޮއިންޓް 115 ޕޮއިންޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު ދެޓީމް 110 ޕޮއިންޓުން އެއްވަރު ވުމުން ކުޅުނު އިތުރު ވަގުތުގައި ލޭކަރސް ކުރި ހޯދީ 17 ޕޮއިންޓް 5 ޕޮއިންޓުންނެވެ. މިމެޗްގައި ލޭކަރސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ޑެނިސް ޝްރޯޑަރއެވެ. އަދި ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ 14 އެސިސްޓް ދިން ޖޯ އިންގްލެސްއެވެ.
މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރިމެޗް 119 ޕޮއިންޓް 114 ޕޮއިންޓުން ކަމިޔާބުކުރީ ސެލްޓިކްސްއެވެ. މިމެޗްގައި ސެލްޓިކްސްގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 44 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާދިން ޖޭސަން ޓެޓުމްއެވެ. އަދި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 47 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާދިން ސްޓެފަން ކަރީއެވެ. މީގެއިތުރުން މެމްފިސް ގްރިޒްލީސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 115 ޕޮއިންޓުން ކާމިޔާބުކުރީ ގްރިޒްލީސްއެވެ. މިމެޗްގައި ގްރިޒްލީސްގެ ގްރޭސަން އެލެންވަނީ އެޓީމަށް 26 ޕޮއިންޓް ހޯދާދީފައެވެ. އަދި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުންޕޯ ވަނީ 28 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގާ 8 އެސިސްޓް ކޮށްފައެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ސެން އެންޓޯނިއޯ ސްޕަރސް އާއި ފީނިކްސް ސަންސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 85 ޕޮއިންޓުން ސްޕަރސް ކާމިޔާބުކުރިއިރު ޝިކާގޯ ބުލްސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ބުލްސްއެވެ. އަދި ވޮޝިންގޓަން ވިޒަޑްސްއާއި ޑެޓްރޮއިންޓް ޕިސްޓަންސް ބައްދަލުކުރިމެޗް 121 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ވިޒަޑްސްއެވެ.