ޚަބަރު

އާންމުން ހަނގުރާމަމަތީ ހަތިޔާރު ގެންގުޅުން މަނާކުރުން އަވަސްކުރުމަށް ބައިޑަން ގޮވާލައްވައިފި


އެމެރިކާގެ އާންމުންނަށް ހަނގުރާމަމަތީ ހަތިޔާރު ނުގެންގުޅެވޭފަދަ ޤާނޫނެއް ފާސްކުރުން އަވަސްކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ގޮވާލައްވައިފިއެވެ. ބައިޑަން އެހެން ގޮވައިލެއްވީ އެ ޤައުމުގެ އިންޑިޔާނަޕޮލިސްގައި ދިން ބަޑީގެ ޙަމަލާއަކާ ގުޅިގެންނެވެ.

އޭޕްރިލް މަހުގެ 15ވަނަ ދުވަހު އިންޑިޔާނަޕޮލިސްގައި ހުންނަ ފެޑުއެކްސް ކޯޕުގެ މަރުކަޒެއްގައި ޢާންމުންގެ މީހަކު ދިން ބަޑީގެ ޙަމަލާއެއްގައި އަށް މީހުންވަނީ މަރުވެފައެވެ. އެއީ ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ދިން އެފަދަ ފަސްވަނަ ޙަމަލާއެވެ. ކައިރިކައިރީގައި ބަޑިޖެހުމުގެ ނުރައްކާތެރި ހާދިޘާތަކެއް ހިނގުމުން އެމެރިކާގެ އާންމުން ހަތިޔާރު ގެންގުޅޭ މައްސަލައަށް އަނެއްކާވެސް އެ ޤައުމުގެ މުޖްތަމަޢުގެ ސަމާލުކަންވަނީ ހުއްޓިފައެވެ.

އެންމެ ފަހުން ދިން ޙަމަލާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އެފަދަ ޙަމަލާތައް ދިނުން ނިމުމަކަށް ގެންނަންޖެހޭކަމަށާއި އެފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އަގުވެއްޓި ލަދުގަންނަން ޖެހިފައިވާކަމަށެވެ. އަދި އެ ޤައުމުގެ އާންމުން ހަނގުރާމަމަތީ ހަތިޔާރު ގެންގުޅުން މަނާކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި ބައެއް ވައްތަރުގެ ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމަށް ބައިޑަން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައެއްނުވެއެވެ. އެ މައްސަލައަށް ޙައްލެއް ހޯދުމަށް އިތުރު ފައިސާ ބޭނުންވާކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ރިޔަސީ ގަނޑުވަރު ވައިޓު ހައުސްގެ ތަރުޖަމާނު ޖެން ސާކީ މީގެ ކުރިން ވިދާޅުވެފައިވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެގޮތް ޤަނޫނުހަދާ މަޖިލީހުން ފަހިކޮށްދޭންޖެހޭކަމަށެވެ.

އެމެރިކާގައި ދިރިއުޅޭ ކޮންމެ 100 މީހެއްގެ މައްޗަށް 121 ހަތިޔާރު އެ ޤައުމުގައި ގެންގުޅޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން އާންމުން އެންމެ ގިނައިން ހަތިޔާރު ގެންގުޅޭ ޤައުމަކީ އެމެރިކާއެވެ. ބަޑީގެ ޙާމަލާތަކުގައި އެ ޤައުމުގައި މަރުވާ މީހުންގެ ޢަދަދު ދަނީ އެއް އަހަރަށްވުރެ އަނެއް އަހަރު އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ބަޑީގެ ޙަމަލާތަކުގައި އެމެރިކާގައި 43،539 މީހުންވަނީ މަރުވެފައެވެ. މިދިޔަ މަހުގެ ތެރޭގައި މަދުވެގެން 30 މީހުންވަނީ އެފަދަ ޙަމަލާތަކުގައި މަރުވެފައެވެ.