ޚަބަރު

އުޞޫލާ ޚިލާފަށް މުވައްޒަފުން ލައްވާ ޕޮންޕެޔޯގެ އަމިއްލަ މަސައްކަތް ކުރުވިކަމުގެ ތުހުމަތު


މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި އުޞޫލާ ޚިލާފަށް ގިނަ ކަންތައްތަކެއް އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެޔޯ ކުރައްވާފައިވާކަން ހާމަވެއްޖެއެވެ.

އެމެރިކާގެ ސްޓޭޓު ޑިޕާޓުމަންޓުގެ އޮފީސް އޮފް އިންސްޕެކުޓަރ ޖެނެރަލް އޯއައިޖީން ނެރެނު ރިޕޯޓެއްގައި ބުނީ ވަޒީރުގެ މަޤާމުގައި ހުންނަވައި ސަރުކާރުގެ ބައެއް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުންނަށް ޕޮންޕެޔޯއާއި އޭނާގެ އަނބިކަނބަލުން އަމިއްލަ މަސައްކަތްތައް ޙަވާލުކުރައްވާފައިވާކަމަށެވެ. އެގޮތުން ޚާރިޖީ ވުޒާރާއާ ގުޅުމެއް ނެތް ޙަފުލާތައް ރޭވުމާއި ދެ ބޭފުޅުން ގެންގުޅުއްވާ ބައެއް ޖަނަވާރުތަކާގުޅޭ ކަންކަމާއި އަމިއްލަ ހަފުލާތަކަށް ދަޢުވަތު ކާޑުފަދަ ތަކެތި ފޮނުވުމަށް ސަރުކާރުގެ މުވައްޒަފުންނަށް އެންގެވިކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ. ޕޮންޕެޔާއާއި އޭނާގެ އަނބިކަންބަލުންގެ އަމިއްލަ ކަންކަން ކޮށްދެއްވުމަށް 100އަށްވުރެ ގިނަ ފަހަރު އެ ބޭފުޅުންގެ މުވައްޒަފުންނަށް އަންގަވާފައިވާކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ.

އެ ރިޕޯޓުގައިވާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ޕޮންޕެޔޯވަނީ ވިދާޅުވެފައެވެ. އެ ރިޕޯޓަކީ ސިޔާސީ މަޤުޞަދެއް ޙާޞިލުކުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށްވެސް ޕޮންޕެޔޯވަނީ ތުހުމަތުކުރައްވައިފައެވެ. އޭނާއާއި އޭނާގެ އަނބިކަންބަލުން ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށްފައި ނުވާނެކަމަށާއި އުޞޫލާ ޚިލާފުވެފައި ނުވާނެކަމަށްވެސް ޕޮންޕެޔޯ ވިދާޅުވިއެވެ. އަދި އެ ދެކަނބަލުންގެ ޢަމަލުތައް ޤާނޫނީވަކީލުން ދިރާސާކޮށްފައިވާކަމަށާއި ހުރިހާ އުޞޫލަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ދެބޭފުޅުން އަބަދުވެސް މަސައްކަތްކުރައްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ އޯއައިޖީގެ ރިޕޯޓުގައި ސަރުކާރުން އެޅުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކަށް ތާޢީދުކުރާކަމަށާއި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.