ކުޅިވަރު

މޮންޓެ ކާލޯ މާސްޓަރސްގެ ސެމީފައިނަލުން ޑޭން އިވާންސް ޖާގަހޯދައިފި


މޮންޓޭ ކާލޯ މާސްޓަރސް ޓެނިސް މުބާރާތުގެ ސެމީފައިނަލުން އިނގިރޭސިވިލާތުގެ ޑެން އިވާންސް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން އިވާންސް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ބެލްޖިއަމްގެ ޑޭވިޑް ގޮފިން ދެ ސެޓް އެއްސެޓުން ބަލިކޮށްގެންނެވެ.

މިމުބާރާތުގެ ތިންވަނަ ބުރުގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ބަލިކޮށްފައިވާ އިވާންސް މިމުބާރާތުގެ ކުއާޓަރ ފައިނަލްގެ ސެޓްތައް ކާމިޔާބު ކުރީ ފަހެއް ހަތެއް، ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. މިމެޗް އިވާން ކާމިޔާބުކޮށްފައިވަނީ ދެ ގަޑި އިރާއި 46 މިނެޓުންނެވެ. ސެމީފައިނަލްގައި އިވާންސް ބައްދަލުކުރާނީ ދުނިޔޭގައި ފަސް ވަނައަށް ރޭންކް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއެވެ. މިމުބާރާތުގެ ސެމީފައިނަލުން ސިޓްސިޕާސްއަށް ޖާގަ ލިބުނީ ކުއާޓަރ ފައިނަލްގައި ސްޕެއިންގެ އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކީނާ އާއި ބައްދަލުކުރިމެޗްގެ ފުރަތަމަ ސެޓް ހަތެއް ފަހަކުން ސިޓްސިޕާސް ކާމިޔާބުކޮށްފައިވަނިކޮށް އަލެހަންޑްރޯ މެޗުން ރިޓަޔަރ ކުރުމުންނެވެ.

ސިންގަލްސްގެ ސެމީފައިނަލްގެ އިތުރުން މިމުބާރާތުގެ ޑަބަލްސްގެ ސެމީފައިނަލުންވެސް އިވާންސް އާއި ނީލް ސްކުޕްސްކީއަށް ވަނީ ޖާގަ ލިބިފައެވެ. މިދެކުޅުންތެރިންނަށް ސެމީފައިނަލުން ޖާގަ ލިބުނީ ކުއާޓަރ ފައިނަލްގައި ރޭވެން ކްލާސެން އާއި ބެން މެކްލަކްލާން އާއި ބައްދަލުކުރިމެޗް ދެސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ އެކެއް ހައެއް، ހަތެއް ހައެއް އަދި ދިހައެއް ހަތަރަކުންނެވެ.
ކްލޭ ކޯޓުގައި ކުރިން މާއެދެވޭ ކުޅުމެއް ކުޅެވިފައި ނުވާ އިވާންސް ބުނީ މިއީ އޭނާއަށް ވަރަށް ރަނގަޅު ހަފްތާއެއް ކަމަށެވެ. މިއީ މޮންޓެ ކާލޯ ޓެނިސް މުބާރަތުގެ ސެމީފައިނަލާއި ހަމައަށް އިވާންސްއަށް ދަތުރު ކުރެވުނު ފުރަތަމަ ފަހަރެވެ.