ކުޅިވަރު

އެވަޓަން އާއި ޓޮޓްނަމް ބައްދަލުކުރިމެޗް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް އެއްވަރުވެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ މިދެޓީމަށް ހީނަރުކަން އައިސްފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި އެވަޓަންގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ހެރީ ކޭންވަނީ ޓޮޓްނަމްއަށް ލީޑު ނަގާދީފައެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން އެވަޓަށް އަށް ލިބުނު ޕެނަލްޓީއަކުން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ގިލްފީ ސިގަރޑްސަންއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތު ދެޓީމުންވެސް ތަނަވަސް ކުރި ނަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ މިނަތީޖާގައި އޮވެގެންނެވެ. މިމެޗްގައި އެވަޓަންގެ ދެވަނަ ލަނޑު ޖަހާ މިމެޗްގައި އެޓީމުން ލީޑު ނެގީ މެޗްގެ 62 ވަނަ މިނެޓްގައި ސިގަރޑްސަން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކުގައެވެ. ނަމަވެސް މިފަހަރު އެވަޓަންއިން ލީޑު ނެގިތާ ހަތަރު މިނެޓްފަހުން ސްޕަރސްއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިފަހަރުވެސް އެވަޓަންގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗްގެ ނަތީޖާ ސްޕަރސްއަށް ހަމަހަމަ ކޮށްދިނީ ހޭރީ ކޭންއެވެ. މިމެޗްގެ ފަހު ވަގުތުކޮޅުތެރޭގައި އެވަޓަންގެ ބަދަލު ކުޅުންތެރިޔާ ޖޯޝުއާ ކިންގްއަށް މިމެޗުން އެވަޓަން މޮޅު ކޮސްދޭނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ކިންގް ފޮނުވާލި ހަމަލާ ޓޮޓްނަމްގެ ކީޕަރ ހޫގޯ ލޮރިސް ވަނީ ވަރަށް ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ. އަދި ރީބައުންޑްގައި ރިޗާލިސަން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މީގެއިތުރުން މިމެޗް ނިމެން ގާތް ވެފައިވަނިކޮށް ކޭންގެ ފަޔަށް އަނިޔާވެގެންވަނީ ބަދަލުކޮށްފައެވެ.

މިމެޗް އެއްވަރު ވުމުން ޓޮޓްނަމް އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ. އަދި ހަތަރު ވަނައިގާ އުޅޭ ވެސްޓް ހޭމް އާއި ސްޕަރސް އާއި ދެމެދުގައި ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މިނަތީޖާއާއެކު އެވަޓަން މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.