ކުޅިވަރު

ވެލެންސިޔާއާއި އަރާ ހަމަކުރުމަށް ލިބުނު ފުރުސަތު ގްރީންއަށް ގެއްލިއްޖެ


ލީގްގެ ދެވަނައިގައިވާ ކުލަބް ވެލެންސިޔާއާއި އަރާ ހަމަކުރުމަށް ލިބުނު ފުރުސަތު ގްރީން ސްޓްރީޓްސްއިން ނަގާލައިފިއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

މިމެޗުން ލިބުނު ޕޮއިންޓާއެކު ގްރީން ސްޓްރީޓްސް އޮތީ ލީގް ތާވަލްގެ 3 ވަނައިގައި 19 ޕޮއިންޓްއާއެކުއެވެ. ތާވަލްގެ 2ވަނައިގައި އޮތް ވެލެންސިޔާއަށް ލިބިފައިވަނީ 21 ޕޮއިންޓްއެވެ. މިމެޗަށް ކުލަބް އީގަލްސް ނިކުމެފައިވަނީ ގިނަ ބަދަލްތަކާއެކުއެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި އީގަލްސްއިން ތަނަވަސްކުރި ބޯޅަ ހަސަން ރާއިފަށް މާއެދެވޭގޮތަށް ބޭނުން ނުކުރެވި، އެބޯޅަވަނީ ގްރީންގެ ކީޕަރު ހަނީފް ސާގިބް ފަސޭހަކަމާއެކު ދިފާޢުކޮށްފައެވެ. މިފަހަރުގެ ޓްރާންސްފަރގައި ކުލަބް އީގަލްސްއަށް ގުޅުނު ތަޖްރިބާކާރު މިޑްފީލްޑަރު އައްސަދު އަލީވަނީ މެޗްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މިއީ 2018ވަނަ އަހަރުގައި ގްރީން ސްޓްރީޓްސްއަށް ކުޅުނު ފަހުން އައްސަދު ފުރަތަމަ ޑިވިޝަންގެ ޓީމެއްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.


މެޗްގައި ކުލަބް އީގަލްސްއަށް ލީޑު ނަގައިދިނީ މެޗްގެ 13ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ގްރީންގެ މުހައްމަދު ސާއިފް އޭރިޔާގެ ތެރޭގައި ހުރެފައި ބޯޅައިގައި އަތްލުމުގެ ސަބަބުން ކުލަބް އީގަލްސްއަށް ލިބުނު ޕެނަލްޓީއެކެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމްއެވެ. މެޗްގެ ފުރަތަމަ ހާފްގައި ގްރީންއަށް މެޗްގެ ނަތީޖާ ހަމަހަމަކުރުމަށް ދެ ތިން ފުރުސަތެއް ލިބުނެވެ. އެގޮތުން އަންސަރު އިބްރާހިމް އާއި ހަސަން ނަޒީމް ގާސިމް އަދި މުހައްމަދު ޖައިލަމަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް މިކުޅުންތެރިންނަށް އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ގްރީން ސްޓްރީޓްސްއިން ޕެންލަޓީއަކަށް އެޕީލް ކުރިނަމަވެސް ރެފްރީ ޖާވިޒްވަނީ ޕެނަލްޓީއެއް ނޫންކަމަށް ނިންމާފައެވެ.


މެޗްގެ ދެވަނަ ހާފްގައި ކުލަބް ގްރީން ސްޓްރީޓްސްއަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެގެން ގޮސްފައެވެ. މެޗްގެ ދެވަނަ ހާފްގައި އީގަލްސްގެ ލީޑް ފުޅާކުރުމަށް ސައިފަށް ލިބުނު ފުރުސަތު ސައިފް ފޮނުވާލިނަމަވެސް އެބޯޅަ ދިޔައީ ގޯލްގެ ހުރަސްތަނޑިމަތިން ބޭރަށެވެ. މެޗްގައި ގްރީން ސްޓްރީޓްސްއިން އެއްވަރު ކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް އަބްދުﷲ ޔާމިންއެވެ. މެޗްގެ 65ވަނަ މިނެޓްގައި ޔާމިން ފޮނުވާލި ހިލޭ ޖެހުން ވަނީ ގޯލްގެ އަރިމަތީ ދަނޑިކަރިން ކަނަށެވެ. މިލަނޑަށްފަހު މެޗްގެ 68ވަނަ މިނެޓްގައި އީގަލްސްގެ އިމްރާން ނަޝީދުއަށް ކުލަބް އީގަލްސްއަށް އަލުން ލީޑް ނަގައިދިނުމަށް ވަރަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭރިޔާގެ ތެރޭގައި ހުރެފައި އިމްރާން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތި ދަނޑިކައިރިން ބޭރަށެވެ. އަދި މެޗްގެ 76ވަނަ މިނެޓްގައި ނާއިމަށް ލިބުނު ފުރުސަތު ގްރީންގެ ޕާކިސްތާން ކީޕަރު ހަނީފް ސާބިގްވަނީ ދިފާޢުކޮށްފައެވެ. މެޗްގެ ފަހު ކޮޅުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަގަނޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެގެން ގޮސްފައެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގައި ކުލަބް އީގަލްސް އޮތީ 11 މެޗުން ލިބުނު 13 ޕޮއިންޓް ހޯދައިގެންނެވެ.