ކުޅިވަރު

މޮންޓެ ކާލޯ މާސްޓަރސްގެ ތިންވަނަ ބުރުން ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފި


މޮންޓެ ކާލޯ މާސްޓަރސް ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިޗް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ތިންވަނަ ބުރުން ޖޯކޮވިޗް ޖާގަހޯދީ ދެވަނަ ބުރުގައި އިޓަލީވިލާތުގެ ޒުވާން ކުޅުންތެރިޔާ ޔަނިކް ސިނަރ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރިފަހުން ޖޯކޮވިޗް ކުޅުނު ފުރަތަމަ މެޗްގައި ސިނަރ އަތުން މޮޅުވީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ހާމަކުރިގޮތުގައި ސިނަރ އާއި ބައްދަލުކުރިމެޗަކީ ވަރަށް ރަނގަޅު ކުރިމަތިލުމެއް ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި ކުޅުމާއި ކުޑަކޮށް ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޅެލަން އެއީ އެންމެ ރަނގަޅު މެޗް ކަމަށާއި ސިނަރ މިވަގުތު ފޯމް ގައި ހުރުމުން ކޮންމެވެސް ވަރެއްގެ ގޮންޖެހުމަކާއި ކުރިމަތިިވި ކަމަށެވެ. މި މުބާރާތް ދެފަހަރަށް ކާމިޔާބުކޮށްފައިވާ ޖޯކޮވިޗް މިހާރުވަނީ 2021 ވަނަ އަހަރު ޖެހިޖެހިގެން ދިހަ މެޗުން މޮޅުވެފައެވެ.

ތިންވަނަ ބުރުގައި ޖޯކޮވިޗް ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ ޑެން އިވާންސްއާއެވެ. އިވާންސް މިމުބާރާތުގެ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ޕޯލަންޑްގެ ހުބަރޓް ހަރކަރޗް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗް އިވާންސް ކާމިޔާބުކުރީ ހައެއް ހަތަރެއް އަދި ހައެއް އެކަކުންނެވެ. މިމެޗް ހަރކަރޗް ކުޅެފައިވަނީ ބަލިވެ އުޅެމުންނެވެ.
މިމުބާރާތުގެ ތިންވަނަ ބުރުން ސްޕެއިންގެ ރަފައެލް ނަދާލްވެސް ވަނީ ޖާގަހޯދާފައެވެ. ނަދާލް މިމުބާރާތުގެ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ފެޑެރީކޯ ޑެލްބޮނިސް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް އެކެއް އަދި ހައެއް ދެއަކުންނެވެ. މި މުބާރާތުގެ ތިންވަނަ ބުރުގައި ނަދާލް ބައްދަލުކުރާނީ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯފް އާއެވެ. ނަދާލް މިމުބާރާތާއި ކުރިމަތިލާފައިވަނީ 12 ވަނަ ފަހަރަށް މިމުބާރާތް ކާމިޔާބު ކުރުމަށެވެ.