ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ރެއާލް މެޑްރިޑް ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމްކަމަށްވާ ރެއާލް މެޑްރިޑް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން ރެއާލް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ލިވަޕޫލާއި ބައްދަލުކުރި 2 މެޗް 3 ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގް 3 ލަނޑު އެއްލަނޑުން ރެއާލް އެޓީމްގެ އަމިއްލަ ދަނޑުގައި ކުޅެ ކާމިޔާބުކޮށްފައިވަނިކޮށް ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ރޭގެ މެޗަށް ނިކުން އިރު ސެމީފައިނަލަށް ދިއުމުގެ ފުރުސަތު ރެއާލްއަށް ބޮޑު ނަމަވެސް ލިވަޕޫލުން ބޭނުންވީ ހަމަލާއަށް އިސްކަންދީ އެޓީމަށް އޮތް ހަނިފުރުސަތުގެ ބޭނުން ހިފާ ސެމީފައިނަލަށް ދިއުމަށެވެ. އަދި މިމެޗްގެ ފުރަތަމަ ހާފްގައި ލިވަޕޫލުންވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލުކޮށްލެވޭ ގޮތެއް ލިވަޕޫލަކަށް ނުވިއެވެ. މިގޮތުން ލިވަޕޫލްގެ ހުނަރުވެރި ފޯވަޑް މުހަންމަދު ސަލާއަށް ލިބުނު ދެ ފުރުސަތާއި ޖޭމްސް މިލްނަރއަށް ލިބުނު ފުރުސަތުގެ އިތުރުން ޖިއޯޖީނިއޯ ވައިނާލްޑަމްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މިމެޗްގައި ރެއާލްއަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބިގެންދިޔައީ ފޯވަޑް ކަރިމް ބެންޒީމާއަށެވެ.
މިމެޗް ލަނޑެއް ނުޖެހި އެއްވަރު ވުމުން ރެއާލް މި މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވާއިރު އެޓީމް ސެމީފައިނަލްގައި ބައްދަލުކުރާނީ އެފްސީ ޕޯޓޯ ބަލިކޮށް ސެމީފައިނަލުން ޖާގަހޯދާފައިވާ ޗެލްސީއާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އަދި މިމެޗްގައި ލިވަޕޫލްގެ ފަރާތުން ނުރައްކަލާ ކުރިމަތިވާނެކަން ކުރިންވެސް އަންދާޒާ ކުރެވިފައިވިކަމަށެވެ. އަދި ބޭނުންވީ ސެމީފައިނަލަށް ދާން ކަމަށާއި އެކަން ހާސިލް ވުމުން ހިތްހަމަޖެހޭކަމުގައި އޭނާ ހާމަކުރިއެވެ.