ކުޅިވަރު

ޕްރާގާއި ދެކޮޅަށް އާސެނަލް ނިކުންނައިރު އަނިޔާގެ މައްސަލަ ދިމާވެފަ


ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގްގައި ސްލާވިއާ ޕްރާގް އާއި ދެކޮޅަށް އާސެނަލް ނިކުންނައިރު އަނިޔާގެ މައްސަލަވަނީ އެޓީމަށް ކުރިމަތިވެފައެވެ. މިގޮތުން އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޯބެމެއާންގް އާއި މެދުތެރެއަށް ކުޅޭ މާޓިން އޮޑެގާޑް މެޗަށް ފިޓްވާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ސްލާވިއާ ޕްރާގް އާއި އާސެނަލް ބައްދަލުކުރި ފުރަތަމަ ލެގްގެ މެޗް އެއްލަނޑު އެއްލަނޑުން ވީ އެއްވަރެވެ. އަދި ސްލާވިއާއިން ރަށުން ބޭރުގައި ލަނޑެއް ޖަހާފައިވުމުން މިހާރު އެޑްވާންޓޭޖް ބޮޑީ އެޓީމަށެވެ. އަދި މިރޭގެ މެޗް ސްލާވިއާގެ ދަނޑުގައި ކުޅޭތީ އެކަމުގެ އުނދަގޫވެސް އާސެނަލްއަށް އޮންނާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ. މިމެޗަށް ނިކުންނައިރު އޯބެމެއާންގް އުޅެނީ ބަލިވެއެވެ. އަދި އޮޑެގާރޑްގެ ފަޔަށްވަނީއަނިޔާވެފައެވެ. އާސެނަލްއިން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މިދެކުޅުންތެރިން މެޗަށް ފިޓްވޭތޯ ބަލާނެއެވެ. އަދި އާސެނަލްގެ ސީޒަން ދާގޮތުން މިއަންނަ ސީޒަންގައި ޔޫރަޕުން ޖާގައެއް ހޯދެން މިވަގުތަށް އޮތީ މިފަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެންނެވެ. އާސެނަލްއަށް މިމެޗް މުހިންމުވާ ފަދައިން ސްލާވިއާއަސްވެސް މިމެޗް ވަރަށް މުހިންމެވެ. މިގޮތުން މިރޭ ގެމެޗް ކާމިޔާބު ކުރެވިއްޖެ ނަމަ މިވެގެންދާނީ ޔޫރަޕްގެ މުބާރާތެއްގެ ސެމީފައިނަލުން ސްލާވިއާއަށް 1995- 96 ވަނަ ސީޒަނަށް ފަހު ޖާގަހޯދޭ ފުރަތަމަ ފަހަރަށެވެ. މިމެޗަށް ނިކުންނައިރު ސްލާވިއާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ އެޓީމްގެ އޮންޑްރެޖް ކުޑެލާ ޔުއޭފާއިން 10 މެޗަށް ސަސްޕެންޑް ކޮށްފައިވުމެވެ. އެހެންކަމުން މިރޭގެ މެޗްގައި އޭނާއަކަށް ނުކުޅެވޭނެއެވެ. މިމެޗުން މޮޅުވާ ޓީމެއް ސެމީފައިނަލްގައި ވާދަކުރާނީ ވިޔަރެއާލް އާއި ޑީނަމޯ ޒަގްރެބް ބައްދަލުކުރާ ކްއާޓަރ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. ވިޔަރެއާލް އާއި ޑީނަމޯގެ ފުރަތަމަ ކުރިމަތިލުން ވިޔަރެއާލް ކާމިޔާބުކޮށްފައިވުމުން އެޑްވާންޓޭޖް ބޮޑީ އެޓީމަށެވެ.

މިމެޗްގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑާއި ގްރަނާޑާ މިރޭ ބައްދަލުކުރާ ކްއާޓަރ ފައިނަލް މެޗަށް ޔުނައިޓެޑްގެ މާކަސް ރަޝްފަޑް ފިޓްވާނެކަމާމެދު އެޓީމަށްވެސް ވަނީ ސުވާލު އުފެދިފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރަޝްފަޑްގެ ފަޔަސް ވަނީ އަނިޔާވެފައެވެ. އަދި ފަހަކަށް އައިސް އޭނާ މެޗްތަކުގައި ކުޅެމުން ގޮސްފައިވަނީ ކޮންމެވެސް ވަރަކަށް އަނިޔާގައި ހުރެގެންނެވެ. މީގެއިތުރުން ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަރ އާއި ލޫކް ޝޯ އަދި ސްކޮޓް މެކްޓޮމިނޭ ވަނީ މިރޭގެ މެޗަށް ސަސްޕެންޑް ވެފައެވެ. މި ތިން ކުޅުންތެރިންނަށްވެސް ވަނީ އެންމެ ފަހުމެޗްގައި ރީނދޫ ކާޑު ދެއްކުމުން ދެކާޑު ހަމަވެފައެވެ. ގްރަނާޑާއަށް ބަލާލާއިރު އެޓީމްގެ ޑިފެންޑަރ ޑޮމިންގޯސް ޑުއާޓޭ ވަނީ މިރޭގެ މެޗަށް ސަސްޕެންޑް ވެފައެވެ. އަދި ކެނެޑީއަށް އަނިޔާވެފައިވުމުން މިރޭ ފެންނާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. މިމެޗުން މޮޅުވާ ޓީމެއް ސެމީފައިނަލްގައި ވާދަކުރާނީ އަޔެކްސް އެމްސްޓަރޑަމް އާއި އޭއެސް ރޯމާ ބައްދަލުކުރާމެޗުން މޮޅުވާ ޓީމަކާއެވެ. ރޯމާ އާއި އަޔެންކްސްގެ ފުރަތަމަ ކުރިމަތިލުން 2 ލަނޑު އެއްލަނޑުން ކާމިޔާބުކޮށްފައިވަނީ ރޯމާ ކަމުން އެޑްވާންޓޭޖް އޮތީ ރޯމާއަށެވެ.