ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެެވެ. މިމުބާރާތުގެ ސެމީފައިނަލުން ސިޓީ ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ބޮރޫޝިއާ ޑޯޓްމުންޑް އާއި ބައްދަލުކުރި 2 މެޗް 4 ލަނޑު 2 ލަނޑުގެ އެގްރިގޭޓް ނަތިޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ ދެމެދުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގް ސިޓީގެ ދަނޑުގައި ކުޅެ 2 ލަނޑު އެއްލަނޑުން ސިޓީ ކާމިޔާބުކޮށްފައިވަނިކޮށް ރޭ ކުޅުނު ދެވަނަ ލެގް ޑޯޓްމުންޑްގެ ދަނޑުގައި ކުޅެވެސް ސިޓީ ކާމިޔާބުކުރީ ހަމަ އެނަތީޖާއިންނެވެ. މިއީ ސިޓީގެ ކޯޗް ކަމާއި ޕެޕް ގާޑިއޯލާ ހަވާލުވިފަހުން އެޓީމް ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖާގަހޯދި ފުރަތަމަ ފަހަރެވެ. ވޭތުވެދިޔަ ތިންސީޒަންގައިވެސް ސިޓީ ވަނީ ކުއާޓަރ ފައިނަލާއި ހިސާބުން މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.

ޑޯޑްމުންޑްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގެ މިމެޗްގެ ފުރަތަމަ 15 މިނެޓްގައި ޑޯޓްމުންޑް ފެނިގެން ދިޔައީ ހަމަލާއަށް އިސްކަންދީ ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. ނަތީޖާއެއްގެ ގޮތުން ޑޯޓްމުންޑުން މެޗްގެ 15 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މިމެޗްގައި ލީޑު ނެގިއެވެ. އަދި ފުރަތަމަ ލެގްގައި ރަށުން ބޭރުގައި ޑޯޓްމުންޑް ލަނޑެއް ޖަހާފައިވުމުން އެވަގުތަށް އެގްރިގޭޓް ނަތީޖާ 2 ލަނޑު 2 ލަނޑުން އެއްވަރުވެފައިވުމުން އަވޭ ގޯލަށް ބަލާއިރުވެސް ޑޯޓްމުންޑަށް ކުރި ލިބިގެންދިޔައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އުމުރުން 17 އަހަރުގެ ޖޫޑް ބެލިންގހަމްއެވެ. މިލަނޑާއެކު ސިޓީއިން އެޓީމްގެ ކުޅުން ރަނގަޅުކޮށް ޑޯޓްމުންޑްގެ ގޯލަށް ނުރައްކާކުރަންފެށިއެވެ. އަދި ނަތީޖާއެއްގެ ގޮތުން ޑޯޓްމުންޑްވެސް ފަހަތަށް ޖެހި ޑިފެންޑް ކުރަމުން ލިބުނު ހުސް ފުރުސަތުތަކަށް ސަމާލުކަން ދޭން ފެށިއެވެ. ސިޓީއިން ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށް ލަނޑެއް ޖެހުމާއި ވަރަށް ގާތަށް ދިޔަ ނަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ އެއްލަނޑު ސުންލަނޑުން ޑޯޓްމުންޑް ކުރީގައި އޮވެގެންނެވެ. މިމެޗްގައި ސިޓީއަށް ހިން ދެމިލެވޭވަރުވީ ދެވަނަ ހާފްގެ ކުޅުން ފެށިތާ 10 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއިންނެވެ. ޑޯޓްމުންޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމްގެ އެމްރޭ ޖާންގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެން ދިން މިޕެނަލްޓީ ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ސިޓީއަށް ހަމަހަމަކޮށްދިނީ ރިޔާދު މަހްރޭޒްއެވެ. އަދި މިމެޗުން ސިޓީ މޮޅުކޮށްދިން ލަނޑު މެޗްގެ 75 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ މެޗްގައިވެސް ސިޓީގެ ދެވަނަ ލަނޑު ޖަހައިދިން ފިލް ފޮޑެންއެވެ.

މިކާމިޔާބީއާއެކު ސިޓީ މިމުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވާއިރު ސެމީފައިނަލްގައި އެޓީމް ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ބަލިކޮށް ސެމީފައިނަލުން ޖާގަހޯދާފައިވާ ޕީއެސްޖީއާއެވެ. މިމެޗާއި ސިޓީ ކުރިމަތިލާއިރު ޕީއެސްޖީގެ ކޯޗަކަށް ހުރީ މީގެ ދެސީޒަން ކުރިން މިމުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ ކަޓުވާލި ޓޮޓްނަމް ހޮޓްސަޕަރގެ އޭރުގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯއެވެ.