މީހުން ޓްރެފިކްކޮށްގެން ކުރާ ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މީހުން ޓެރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެނައި މި އިޞްލާހު މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާހު ހުށައެޅުއްވީ އެ ޤާނޫނުގައިވާ ރާއްޖެ ބައިވެރިވެފައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒް ކްރައިމް"ގެ ޕްރޮޓޮކޯލް އެއްގޮތް ކުރުމުގެ ގޮތުންނެވެ.
މީހުން ޓްރެފިކުކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ މީހުން ޓްރެފިކު ކުރުމަކީ ކުށެއް ކަމަށެވެ. އަދި ކުޑަކުދިން ޓްރެފިކްކުރުމަކީ ކުށެއްކަމަށާއި، މީހުން ޓްރެފިކުކުރަން އުޅުމަކީ ނުވަތަ ޓްރެފިކު ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއްކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ. މީގެ އިތުރުން މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ އަމުރުކުރުމަކީ ކުށެއް ކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ.
ޖީހާން ހުށައެޅުއްވި އިސްލާހު ދިރާސާކޮށް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ މީހުން ޓްރެފިކްކުރުމުގެ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށެވެ. އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ޤާނޫނުގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި، އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކްކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދޭން ވާނެކަމަށްވެސް މަޖިލީހުން ގެނައި އިޞްލާހުގައި ބުނެފައިވެއެވެ.
މީގެއިތުރުން ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ސަބަބުން ބަދަލު ނަގައިދެވޭނެ ބާވަތްތައްވެސް އިޞްލާހުގައި ހިމަނާފައިވެއެވެ. އެގޮތުން ބަދަލު ނެގޭނެ ބާވަތްތަކުގެ ތެރޭގައި ޓްރެފިކްކުރެވޭ މީހާއަށް ލިބެންޖެހޭ އުޖޫރައާއި ސިއްޙީ ގޮތަށް ލިބޭ ގެއްލުންތަކާއި ގާނޫނާ ޚިލާފަށް އެމްޕްލޯއިމަންޓް އޭޖެންސީ ނުވަތަ ރެކްރޫޓްމަންޓް އޭޖެންސީއަކަށް ދައްކާފައިވާ ފީ ވަނީ ހިމަނައިފައެވެ. އަދި ބަދަލު ނަގައި ދިނުމުގައި، ޓްރެފިކު ކުރެވޭ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށްކަން ކަނޑައަޅާނީ، މި މާއްދާއާ ހަވާލާދީ ކޯޓުން ކަމަށް ވެސް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.