ކުޅިވަރު

ނެޓްސް އާއި ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 127 ޕޮއިންޓް 97 ޕޮއިންޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދާދިން ކެވިން ޑުރާންޓްއެވެ. އަދި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގައިދިން އެންތަނީ އެޑްވަރޑްސްއެވެ.

މިމުބާރާތުގައި ލޮސް އެންޖަލިސް ކްލިޕަރސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 126 ޕޮއިންޓް 115 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ޕޯލް ޖޯޖްއެވެ. އަދި ޕޭސަރސްގެ މެލްކޮމް ބްރޮގްޑަންވަނީ 29 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. މީގެއިތުރުން ޔޫޓާ ޖޭޒް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 106 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިއީ މިސީޒަންގައި ޖޭޒްއިން ކާމިޔާބުކުރި 41 ވަނަ މެޗެވެ. މިމެޗްގައި ޖޭޒްގެ މައިކް ކޮންލޭވަނީ އެޓީމަށް 15 ޕޮއިންޓް ހޯދައިދީ 14 އެސިސްޓް ކޮށްފައެވެ. އަދި ތަންޑަރގެ ލުގެންޓްޒް ޑޯރޓްވަނީ 42 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 101 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބުކުރީ ލޭކަރސްއެވެ. މިމެޗްގައި ލޭކަރސްގެ ޑެނިސް ޝްރޮޑަރ އެޓީމަށް 19 ޕޮއިންޓް ހޯދާދިން އިރު ހޯނެޓްސްގެ ސެލެބް މާރޓިންވަނީ 17 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގާފައެވެ. ހަމައެއާއެކު ފީނިންކްސް ސަންސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 106 ޕޮއިންޓް 86 ޕޮއިންޓުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑިއާންޑްރޭ އައިޓަން ވަނީ 19 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގާފައެވެ. އަދި ހީޓްގެ ޖިމީ ބަޓްލަރވަނީ 18 ޕޮއިންޓް ހޯދައިދީ 8 ރީބައުންްޑް ނަގާފައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކުގައި ބޮސްޓަން ސެލްޓިކްސް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް 116 ޕޮއިންޓް 115 ޕޮއިންޓްގެ ކުޑަ ތަފާތަކުން ސެލްޓިކްސް ކާމިޔާބުކުރިއިރު އެޓްލާންޓާ ހޯކްސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 108 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ހޯކްސްއެވެ.