ކުޅިވަރު

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޕެރިސް ސެއިންޓް ޖަރމެއިން ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިޔާއި ބައްދަލުކުރި ދެމެޗް 3 ލަނޑު 3 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވުމުން ރަށުން ބޭރުގައި ޖަހާފައިވާ ލަނޑަށް ބަލާއިރު ޕީއެސްޖީއަށް ކުރިލިބޭތީއެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ބަޔާންގެ ދަނޑުގައި ކުޅެ 3 ލަނޑު 2 ލަނޑުން ޕީއެސްޖީ ކާމިޔާބުކޮށްފައިވާއިރު ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް ބަޔާން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. މިދިޔަ ސީޒަންގެ ފައިނަލްގައި ވާދަކުރި މިދެޓީމްގެ މި ކުރިމަތިލުމުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއެވެ. ޕީއެސްޖީއިން މިމެޗްގައި ބޮޑަށް އިސްކަން ދިންތަން ފެނުނީ ޑިފެންޑް ކޮށްފަ ލިބޭ ފުރުސަތުތަކުގައި ކައުންޓަރ އެޓޭކް ކުރުމަށެވެ. މިގޮތުން ލިބުނު ފުރުސަތުތަކުގައި ޕީއެސްޖީއިން ވަނީ ރަނގަޅު ހަމަލަތަކެއް އުފައްދާފައެވެ. އަދި ޕީއެސްޖީގެ ނޭމާ ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލް ދަނޑިއަށްވެސް އަމާޒުވެފައެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާދިނީ ބަޔާންގެ އެރިކް މެކްސިމް ޗޮއުޕޮ މޯޓިންގއެވެ. މިފަހަރުގެ ކްއާޓަރ ފައިނަލްގައި ބަޔޭންގެ ނުރައްކާތެރި ފޯވަޑް ރޮބަޓް ލެވަންޑޯސްކީއަށް އަނިޔާ ވުމުގެ ސަބަބުން ނުކުޅެވުނު ތަން ވަރަށް ބޮޑަށް އެޓީމަށް ދެއްކިއެވެ.

މިކާމިޔާބީއާއެކު ޕީއެސްޖީ މިމުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ސެމީފައިނަލްގައި އެޓީމް ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އާއި ބޮރޫޝިއާ ޑޯޓްމުންޑް މިރޭ ބައްދަލުކުރާމެޗުން މޮޅުވާ ޓީމަކާއެވެ.