ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޗެލްސީ ޖާގަހޯދައިފި


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޗެލްސީ ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ސެމީފައިނަލުން ޗެލްސީ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އެފްސީ ޕޯޓޯ އާއި ބައްދަލުކުރި ދެމެޗް 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން ޗެލްސީ ކާމިޔާބުކުރި ނަމަވެސް ރޭ ކުޅުނު ދެވަނަ ލެގް ޕޯޓޯވަނީ އެއްލަނޑު ސުންލަނޑުން ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެމެޗްގެ އެގްރިގޭޓަށް ބަލާއިރު ޗެލްސީއަށް ކުރި ލިބޭތީ ސެމީފައިނަލަށް ދަތުރުކުރީ ޗެލްސީޢެވެ. މިއީ ވޭތުވެދިޔަ ހަތް ސީޒަންގައި މިމުބާރާތުގެ ސެމީފައިނަލުން ޗެލްސީއަށް ޖާގަހޯދުނު ފުރަތަމަ ފަހަރެވެ. ކޯވިޑް-19 ސަބަބުން އިންގްލަންޑާއި ޕޯޗުގަލްއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ސްޕެއިންގެ ސެވިއްޔާގައި ކުޅުނު ދެވަނަ ލެގްގައި ގިނައިރު ޕޯޓޯއިން ބޯޅަ ގެންގުޅުނު ނަމަވެސް މާބޮޑަށް ޗެލްސީގެ ގޯލަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. މިމެޗްގައި ޕޯޓޯ ފެނިގެންދިޔައީ ފުރަތަމަ ލެގްގައި 2 ލަނޑު ސުންލަނޑުން ބަލިވެފައިވާތީ ވަރަށް ބޮޑަށް ވިސްނައިގެން ކުޅުނު ތަނެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕޯޓޯގެ މެހްދީ ޓަރޭމީ މެޗްގެ އިތުރު ވަގުތުގައި ޖަހައިދިން ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރާނެ ވަގުތެއް ނެތެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޕޯޓޯގެ ކޮރޯނާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް އަށާއި މޭސަން މައުންޓަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ހިފޭގޮތް ނުވެފައެވެ.

މިކާމިޔާބީއާއެކު ޗެލްސީއިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ސެމީފައިނަލްގައި ޗެލްސީ ބައްދަލުކުރާނީ މިރޭ ލިވަޕޫލާއި ރެއާލް މެޑްރިޑް ބައްދަލުކުރާމެޗުން މޮޅުވާ ޓީމަކާއެވެ.