ޚަބަރު

ޢުމުރާ ކުރެވޭނީ އެއް ފަހަރު، މަސްޖިދުލް ޙަރާމަށް ވަދެވޭނީ ޙުއްދައެއް ނަގައިގެން


މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޢުމުރާވެރިންނަށް ޢަދާކުރެވޭނީ އެންމެ ޢުމުރާއެއްކަމަށް ސަޢުދީ ޢަރަބިއްޔާއިން ނިންމައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމުރާއާބެހޭ ވުޒާރާއިން ބުނީ ރަމަޟާން މަހު ޢުމުރާގެ އަޅުކަން ޢަދާކުރުމުގެ ޙުއްދަ ދޫކޮށްފައިވާ މީހުންނަށް އެ ޙުއްދައިގެ ދަށުން ޢުމުރާ ކުރެވޭނީ އެންމެ ފަހަރަކުކަމަށެވެ. ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި މަސްޖިދުލް ޙަރާމުގައި ފަރުޟު ފަސް ނަމާދުކުރުމަށް ޙުއްދައަށް ތަކުރާރުކޮށް އެދެވޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ. އެ ޙުއްދަ ދޫކުރާނީ އެންމެ ދުވަހެއްގެ މުއްދަތަކަށްކަމަށާއި ޙުއްދައިގެ މުއްދަތު ހަމަވުމުން އެހެން ދުވަހަކު މިސްކިތުގައި ނަމާދުކުރުމަށް ބޭނުންވާނަމަ އަލުން ޙުއްދައަށް އެދެން ޖެހޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި އަހަރުގެ ރަމަޟާން މަހު މުސްލިމުންގެ އެންމެ މާތް ދެ މިސްކިތްކަމަށްވާ މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީގައި ކުރާ ތަރާވީޙު ނަމާދު 20 ރަކުޢަތުން 10 ރަކުޢަތަށް ކުރުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލްސަޢުދުވަނީ އަމުރުކުރައްވައިފައެވެ. މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީ ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝައިޚު ޢަބްދުލްރަޙުމާން އަލްސުދައިސް ވިދާޅުވީ ނަމާދުގެ ޖަމާޢަތް ކުރިއަށް ގެންދާނީ ކޯވިޑް-19ން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށްކަމަށެވެ. ދެ މިސްކިތުގައި ރޯދަ ވިއްލުމަށް ސުފުރާ ނުހަދާނެކަމަށާއި އިޢުތިކާފުގައި ނުތިބެވޭނެކަމަށްވެސް އެ ޤައުމުގެ ސަރުކާރުންވަނީ ކަނޑައަޅައިފައެވެ.

ކޯވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ ރޯދަ މަހު އުމުރާގެ އަޅުކަމާއި ތަރާވީޙު ނަމާދާއި ރޯދަ ވީއްލުމަށް ސުފުރާ އެތުރުމުގެ އިތުރުން ފަރުޟު ނަމާދުގެ ޖަމާޢަތްވެސް މާތްވެގެންވާ ދެ މިސްކިތުގައި އޮތީ އާންމުންނަށް މެދުކަނޑާލައިފައެވެ. ނަމަވެސް އާންމުންގެ ބައިވެރިވުމާ ނުލައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޙަރަމުފުޅުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބައިވެރިވާގޮތަށް ޖަމާޢަތުގައި ފަރުޟު ނަމާދުތަކާއި 10 ރަކުޢަތުގެ ތަރާވީޙު ނަމާދު ކޮންމެ ރެޔަކުވަނީ ކޮށްފައެވެ.