ކުޅިވަރު

ޕަންޖާބް ކިންގްސް އާއި ރާޖަސްތާން ރޯޔަލްސް ބައްދަލުކުރިމެޗް ކިންގްސް ކާމިޔާބުކޮށްފި


އިންޑިއަން ޕްރިމިއަރ ލީގު ޓީ ޓުވެންޓީ ކްރިކެޓް މުބާރާތުގައި ޕަންޖާބް ކިންގްސް އާއި ރާޖަސްތާން ރޯޔަލްސް ބައްދަލުކުރިމެޗް ކިންގްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ކިންގްސް ކާމިޔާބުކުރީ ހަތަރު ލަނޑުންނެވެ.

ވަރަށް ވާދަވެރި އަދި އެހާމެ ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި ދެޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިމެޗް ވެގެން ގޮސްފައިވަނީ މިފަހަރުގެ އައިޕީއެލްގައި އެންމެ ގިނަ ލަނޑު މިހާތަނަށް ފެނިގެންދިޔަ މެޗަށެވެ. މިމެޗްގައި އެންމެ ފުރަތަމަ ކުޅެން އަރާ ޕަންޖާބް ކިންގްސްއިންވަނީ 20 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 221 ލަނޑު ހަދާފައެވެ. މިއީނިންގްސްގައި ކިންގްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 50 ބޯޅައިން 91 ލަނޑު ހެދި ކޭއެލް ރާހުލްއެވެ. އަދި ދީޕަކް ހޫޑާ 28 ބޯޅައިން 64 ލަނޑު ހެދި އިރު ކްރިސް ގޭލްވަނީ 28 ބޯޅައިން 40 ލަނޑު ކިންގްސްއަށް ހަދާދީފައެވެ. މިއީނިންގްސްގައި ރާޖަސްތާން ރޯޔަލްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 4 އޯވަރު 31 ލަނޑަށް ތިން ވިކެޓް ނެގި ޗެޓާން ސަކަރިޔާއެވެ.

ޖަވާބުގައި ކުޅެން އަރާ ރޯޔަލްސްއަށް 20 އޯވަރުތެރޭ 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 217 ލަނޑެވެ. ނަމަވެސް މިއީނިންގްސް ވެގެންދިޔައީ އެންމެ ފަހު ބޯޅައާ ޖެހެންދެން އެންމެން ނޭވާ ހިފަހައްޓާލައިގެން ތިބެންޖެހުނު އީނިންގްސްއަކަށެވެ. މީގެ އެންމެ ބޮޑު އެއްސަބަބަކަށްވީ ރޯޔަލްސްގެ ކެޕްޓަން ސަންޖޫ ސެމްސަން މިމެޗްގައި ދެއްކި މޮޅު ކުޅުމެވެ. ސެމްސަންވަނީ 63 ބޯޅައިން 119 ލަނޑު ހަދާފައެވެ. މިއީ މިފަހަރުގެ މުބާރާތުގައި ކުޅުންތެރިޔަކު ސެންޗަރީއެއް ހެދި ފުރަތަމަ ފަހަރެވެ. މިއީނިންގްސްގައި ވިހި ވަނަ އޯވަރުގެ އެންމެ ފަހު ބޯޅައަށް ޖެހުނު އިރު ރޯޔަލްސްއަށް މޮޅުވާން ބޭނުންވެފައިއޮތީ ފަސް ލަނޑެވެ. އަދި ސެމްސަން އެންމެ ފަހު ބޯޅަ ޖެހިގޮތުން އެބޯޅަ ހަޔަކަށް ދާނެކަމަށް ހީވި ނަމަވެސް އެބޯޅަ ދީޕަކް ހޫޑާ ހިފުމާއެކު ކިންގްސް މިމެޗުން މޮޅުވެގެން ނިމުނީއެވެ. މިއީނިންގްސްގައި ރޯޔަލްސްއަށް ދެން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ލަނޑު ހަދާދިން ޖޮސް ބަޓްލަރ އާއި ރިޔާން ޕަރަގްއެވެ. މިއީނިންގްސްގައި ކިންގްސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 4 އޯވަރު 35 ލަނޑަށް 3 ވިކެޓް ނެގި އަރްޝްދީޕް ސިންގއެވެ.
މިމުބާރާތުގައި މިއަދު ކުޅޭ މެޗްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން މުންބާއީ އިންޑިއަންސް އާއި ކޮލްކަޓާ ނައިޓް ރައިޑަރސްއެވެ.