ކުޅިވަރު

ބްރައިޓަން އާއި އެވަޓަން ބައްދަލުކުރިމެޗް އެއްވަރުވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އާއި އެވަޓަން ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއެވެ. ނަމަވެސް އެހެން މެޗްތަކެކޭ އެއްގޮތަށް މިމެޗްގައިވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗްގައި ބްރައިޓަންއަށް ލިބުނު އެންމެ ހުސް ފުރުސަތު ލިބިގެން ގޮސްފައިވަނީ ނީލް މައުޕޭއަށެވެ. ލުވިސް ޑަންކަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. މިމެޗްގައި އަނިޔާގެ ސަބަބުން އެވަޓަންގެ ހުނަރުވެރި ފޯވަޑް ޑޮމިނިކް ކަލްވަރޓް ލުވިން ކުޅެފައެއް ނުވެއެވެ. އަދި އެވަޓަންއަށް ބްރައިޓަންގެ ގޯލަށް ހަމަލާއެއް އެންމެ ފުރަތަމަ ފޮނުވާލެވޭވަރުވީވެސް މެޗްގެ 71 ވަނަ މިނެޓްގައެވެ. މިމެޗްގައި ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރަމުންދާ އެވަޓަންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ.

މިމެޗް އެއްވަރުވުމުން މިއަންނަ ސީޒަންގައިވެސް އިންގްލިޝް ޕްރިމިއަރ ލީގުގައި ބްރައިޓަންއަށް ވާދަކުރުމުގެ ފުރުސަތު ލިބޭނެކަން މިހާރުވަނީ ގާތްގަނޑަކަށް ޔަގީން ވެފައެވެ. މިމެޗުން މޮޅުވި ނަމަ އެކަން ޔަގީން ވާނެއެވެ. ނަމަވެސް މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ބްރައިޓަން މިހާރުވަނީ ތާވަލްގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެޓީމަށް މިހާރު ލިބިފައިވަނީ 31 މެޗުން 33 ޕޮއިންޓެވެ. އަދި 18 ވަނައިގައި އުޅޭ ފުލަމް އާއި ދެމެދުގައިވާ ފަރަގު މިހާރު ވަނީ 7 ޕޮއިންޓަށް އިތުރުވެފައެވެ. ބްރައިޓަން އާއި ހިލާފަށް އެވަޓަން އަށް މިމެޗް އެއްވަރު ވުމުން މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް މިވަނީ ހީނަރުކަންއައިސްފައެވެ. މިގޮތުން އެވަޓަން މިހާރު 30 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 48 ޕޮއިންޓެވެ. އަދި ހަތަރު ވަނައިގައި މިހާރު އުޅޭ ވެސްޓް ހޭމް ޔުނައިޓެޑާއި ދެމެދު ހަތް ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.