ޚަބަރު

ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ތުރުކީވިލާތާއި މިޞްރުން މަޝްވަރާކޮށްފި


ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ތުރުކީވިލާތާއި މިޞްރުގެ ޚާރިޖީ ވަޒީރުން ފޯނު މެދުވެރިކޮށް މަޝްވަރާކުރައްވައިފިއެވެ.

2013ވަނަ އަހަރުގެ ތެރޭގައި މިޞްރުގެ އަސްކަރިއްޔާއިން ބަޣާވާތް ކުރުމަށްފަހު އޭރުގެ ރައީސް މުޙައްމަދު މުރުޞީވަނީ މަޤާމުން ދުރުކޮށްފައެވެ. އޭގެ ފަހުން މިޞްރާއި ތުރުކީވިލާތާ ދެމެދު އޮންނަ ގުޅުންވަނީ ހީނަރުވެފައެވެ. މުރުޞީއަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންއާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ.

މިދިޔަ މަހުގެ ތެރޭގައި ތުރުކީވިލާތުންވަނީ މިޞްރާއެކު ޚާރިޖީ މުޢާމަލާތްތައް އަލުން ފަށައިފައިވާކަން އިޢުލާނުކޮށްފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް ތުރުކީވިލާތުން މަސައްކަތް ކުރަމުންދާކަމަށްވަނީ ބުނެފައެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ ދެމެދުގައި ކުރި ފޯނު ކޯލަކީ ގުޅުން ރަނގަޅުކުރުމަށް ތުރުކީވިލާތުން އިސްނަގައިގެން މަސައްކަތްކުރަން ފެށިފަހުން ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތަކެއް ކުރި ފުރަތަމަ ފަހަރެވެ.

ތުރުކީވިލާތާއި މިޞްރާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރެވިއްޖެނަމަ މެޑިޓެރޭނިޔަން ސަރަޙައްދުގެ މަސްލަހަތަށް ރަނގަޅު އަސަރުތަކެއް ކުރާނެއެވެ. އެ ދެ ޤައުމަކީ ލީބިޔާގައި ކުރަމުންދާ ހަނގުރާމައިގައި އިދިކޮޅު ދެ ފަރާތަށް ވާގިވެރިވާ ދެ ޤައުމެވެ. ތުރުކީވިލާތުގެ ޢަމަލުތައް މިޞްރުގެ އުސޫލުތަކާއި ލަނޑުދަނޑިތަކާ އެއްގޮތަށް ބަހައްޓާނަމަ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ބިންގާ އެޅޭނެކަމަށް މިޞްރުގެ ޚާރިޖީ ވަޒީރު މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

މިދިޔަ މަހުގެ ތެރޭގައި ތުރުކީވިލާތުންވަނީ އެ ޤައުމުގައި ހިންގައި މިޞްރުގެ އިދިކޮޅު ޓީވީ ޗެނަލްތަކުން މިޞްރަށް ފާޑު ކިޔުން މަދުކުރުމަށް އަންގައިފައެވެ. މިޞްރުގެ ސުއޭޒް ކެނަލުގައި އާގުބޯޓެއް ތާށިވުމުން އެކަން ޙައްލުކުރުމަށް އެހީތެރިވެދިނުމަށްވެސް ތުރުކީވިލާތުން ހުށަހެޅިއެވެ.