ޚަބަރު

ބައިރޫތުގެ ބަނދަރު އަލުން ތަރައްޤީކުރަން ބޭރުގެ ކުންފުނިތަކުގެ ޝައުޤުވެރިކަން


ތިން އަހަރުގެ ތެރޭގައި ބައިރޫތުގެ ބަންދަރު މަރާމާތުކޮށް ތަރައްޤީކުރުމަށް ފަރަންސޭސިވިލާތުގެ ކޮންޓެއިނަރު ވިޔަފާރިކުރާ ކުންފުންޏަކުން ހުށަހަޅައިފިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގެ ބަނދަރުގައި ގުދަންކޮށްފައިހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓު ގޮވުމުގެ ސަބަބުން އެ ސަރަޙައްދުވަނީ އެއްކޮށް ބިމާ ހަމަވެފައެވެ. އެ ހާދިޘާގައި 200އަށްވުރެ ގިނަ މީހުން މަރުވެ 6000އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ. އޭގެ ފަހުން ލުބުނާނަށް ކުރިމަތިވެފައިވާ ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތައްވަނީ އެތައް ގުނައެއް އިތުރުވެފައެވެ.

ފަރަންސޭސިވިލާތުގެ ޝިޕިން ކުންފުންޏެއްކަމަށްވާ ސީއެމްއޭ ސީޖީއެމުން ބުނީ ލުބުނާނުގެ ބަނދަރު މަރާމާތުކޮށް ތަރައްޤީކުރުމަށް އެ ކުންފުނީގެ ފަރާތުން ލުބުނާނުގެ ސަރުކާރަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވާކަމަށެވެ. 400 މިލިއަނާއި 600 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން ބަނދަރުގެ ޑޮކުތަކާއި ގުދަންތައް އަލުން މަރާމާތުކޮށް ބަނދަރުގެ ސަރަޙައްދު ބޮޑުކުރުމަށް އެ ކުންފުނިންވަނީ ހުށަހަޅައިފައެވެ. އެ މަޝްރޫޢުއަކީ ލުބުނާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތުގައި އެ ޤައުމަށް މުހިންމު މަޝްރޫޢުއެއްކަމަށް އެ ކުންފުނިން ބުނެއެވެ.

ޖަރުމަނުވިލާތުގެ ކުންފުނިތަކަކުންވެސްވަނީ ބައިރޫތުގެ ބަނދަރު މަރާމާތުކޮށް ތަރައްޤީކުރުމަށް ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ. އެ ހުށަހެޅުންތަކާ ގުޅޭގޮތުން ސީއެމްއޭ ސީޖީއެމުން ބުނީ ދިގު މުއްދަތަށް ބަލާނަމަ އެ ކުންފުނިތަކުގެ ހުށަހެޅުންތައް ބިނާކޮށްފައިވަނީ ރިއަލް އެސްޓޭޓު ދާއިރާއިން ލިބޭނެ ކުރިއެރުންތަކުގެ މައްޗަށްކަމަށެވެ. އަދި އެ ކުންފުނިތަކާއެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް ސީއެމްއޭ ސީޖީއެމުންވަނީ ބުނެފައެވެ.

ސީއެމްއޭ ސީޖީއެމަކީ ފަރަންސޭސިވިލާތާއި ލުބުނާނަށް ނިޞްބަތްވާ ޢާއިލާއެއްގެ ކުންފުންޏެކެވެ. ބައިރޫތުގައި ހިނގި ބޮޑު ގޮވުމަށްފަހު ލުބުނާނަށް އެހީތެރިވުމުގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮނާއެކު އެ ކުންފުނިންވަނީ ބައިވެރިވެފައެވެ. ސީއެމްއޭ ސީޖީއެމަކީ ބައިރޫތުގެ ބަނދަރުގައި އެންމެ ފުޅާކޮށް ޙާރަކާތްތެރިވާ އެއް ކުންފުންޏެވެ.