ޚަބަރު

އިތިއޯޕިޔާގެ ޑޭމުގެ މަޢުލޫމާތު ޙިއްޞާކުރަން މިޞްރާއި ސޫދާނުން ދެކޮޅު


މިޞްރުގެ ނީލަ ކޯރާ ގުޅޭ އިތިއޯޕިޔާގެ ކޯރެއްގައި ހަދާފައިވާ ޑޭމާ ގުޅުންހުރި މަޢުލޫމާތު ޙިއްޞާކުރުމަށް މިޞްރާއި ސޫދާނުން ދެކޮޅުހަދައިފިއެވެ.

އިތިއޯޕިޔާއަށް ބޭނުންވާ އިޤްތިޞާދީ ތަރައްޤީއާއި ހަކަތަ އުފެއްދުމުގެ އުންމީދުތައް ގުޅިފައިވަނީ ބުލޫ ނައިލް ކޯރުގައި ތަރައްޤީކޮށްފައިވާ ގުރާންޑު އިތިއޯޕިޔަން ރެނައިސާންސް ޑޭމާއެވެ. ނަމަވެސް އެ ޑޭމުގެ ސަބަބުން ނީލަ ކޯރަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް މިޞްރުން ބުނެއެވެ. ކޯރުގެ ޒަރިއްޔާއިން ސޫދާނަށް ލިބޭ ފެނަށް އަސަރުކުރާނެކަމުގެ ކަންބޮޑުވުންތައް އެ ޤައުމުންވެސްވަނީ ޙިއްޞާކޮށްފައެވެ. އިތިއޯޕިޔާއިން އެހެން ޤައުމެއްގެ ފެން ބޭނުންކުރަމުންދާކަމަށް އެ ދެ ޤައުމުން ތުހުމަތުކުރެއެވެ.

ގުރާންޑު އިތިއޯޕިޔަން ރެނައިސާންސް ޑޭމާ ގުޅޭގޮތުން ތިން ޤައުމުގެ މެދުގައި މަޝްވަރާތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެ މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އޭގެ ފަހުން އިތިއޯޕިޔާއިންވަނީ ކުރިއަށް އޮތް ވިއްސާރަ މޫސުމުގައި ގުރާންޑު އިތިއޯޕިޔަން ރެނައިސާންސް ޑޭމު ފުރެން ފެށުމުގެ ކުރިން އެ ޑޭމާ ގުޅޭ މަޢުލޫމާތު ތިން ޤައުމުގެ މެދުގައި ޙިއްޞާކުރުމަށް އެ ޑޭމު ހިންގާނެ ފަރާތްތަކެއްގެ ނަން ހުށަހެޅުމަށް އެދިފައެވެ. ނަމަވެސް މިޞްރާއި ސޫދާނުން ބުނީ އެ މައްސަލައަށް ބޭނުންވަނީ ޤާނޫނީ ޙައްލެއްކަމަށާއި ގުރާންޑު އިތިއޯޕިއަން ރެނައިސާންސް ޑޭމު ހިންގުމާ ގުޅޭ ޤާނޫނީ އެއްބަސްވުމެއް ތައްޔާރުކުރުމަށް ބޭނުންވާކަމަށެވެ. ސޫދާނުން ބުނީ ޑޭމާ ގުޅުންހުރި މަޢުލޫމާތު ޙިއްޞާކުރުމަކީ މުހިންމުކަމެއްކަމަށް އެ ޤައުމުން ޤަބޫލުކުރި ނަމަވެސް އިތިއޯޕިޔާގެ ހުށަހެޅުމުގައި ގޮތް ނޭނގޭ ކަންތައްތަކެއް ހުރިކަމަށެވެ.

ސޫދާނުން ބުނީ އިތިއޯޕިޔާގެ ޑޭމަށް ފެން އެޅުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާއަކަށް ތައްޔާރުވުމުގެ ގޮތުން އެ ޤައުމުގެ ޖަބަލް އައުލިޔާ ރިޒަވޮޔާގައި 600 މިލިއަން ކިއުބިކު މީޓަރުގެ ފެން ރައްކާކުރާނެކަމަށެވެ. މިޞްރުންވެސްވަނީ އެ ޤައުމުގެ އަސްވާން ހައި ޑޭމުގައި ރައްކާކޮށްފައިހުރި ފެނުން ގުރާންޑު އިތިއޯޕިޔަން ރެނައިސާންސް ޑޭމަށް ފެން އެޅުމުގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތަކަށް ޙައްލެއް ހޯދޭނެކަމަށެވެ. ނަމަވެސް އެ ޤައުމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވާރޭ ނުވެހޭ ދުވަސްވަރުގައި ކަންކަން ހަމަޖައްސާނެ އިންތިޒާމުކަމަށް މިޞްރުން ފާހަގަކުރެއެވެ.