ޚަބަރު

ރައީސް ނަޝީދު، މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެ


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލޭ މޭޔަރުކަމުގެ މަޤާމަށް ހޮވިވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުއަށް މަރުޚަބާ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ކަންކަން ހައްލުކުރުމުގައި ޑރ. މުއިއްޒު ބުރަކޮށް މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މުއިއްޒުއަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މުޢިއްޒުއަށް މަރުހަބާ ދެންނެވުމުގެ އިތުރުން، ރައީސް ނަޝީދު ވަނީ އެމްޑީޕީން ހޯދި ކާމިޔާބީއަށްވެސް މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީން ވަނީ މާލެ ފިޔަަވައި އެހެން ކައުންސިލްތަކުގެ އަޣްލަބިއްޔަތު ހޯދާފައިކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން 4 ސިޓީގެ ތެރެއިން ފުވައްމުލައް، އައްޑޫ އަދި ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީއާއި މޭޔަރުގެ މަޤާމު ލިބިފައިވަނީ އެމްޑީޕީއަށެވެ. އަދި ޕީޕީއެމްއަށް ވަނީ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމާއި ކައުންސިލްގެ މެޖޯރިޓީ ލިބިފައެވެ.