ކުޅިވަރު

ލޭކަރސް އާއި ނެޓްސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ލޮސް އެންޖަލިސް ލޭކަރސް އާއި މިސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރޫކްލިން ނެޓްސް ބައްދަލުކުރިމެޗް ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާާއެކު 126 ޕޮއިންޓް 101 ޕޮއިންޓުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލޭކަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 20 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދިން އަންޑްރޭ ޑްރޫމޮންޑްއެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަނިޔާ ގައި ގިނަ ދުވަސްތަކެއް ހޭދުކުރުމަށް ފަހުން ޓީމާއި ވަރަށް ފަހުން ގުޅުނު ކެވިން ޑުރާންޓްއެވެ. އޭނާވަނީ 22 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާފައެވެ.

މިމުބާރާތުގައި މިސީޒަންގައި އެންމެ މޮޅުކަމަށް ގިނަ ބަޔަކު ޤަބޫލް ކުރާ ޔޫޓާ ޖޭޒް އާއި ސެކްރެމެންޓޯ ކިންގްސް ބައްދަލުކުރިމެޗް 128 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ޖޭޒްއެވެ. މިމެޗްގައި ޖޭޒްގެ ޑޮނޮވަން މިޝޭލްވަނީ އެޓީމަށް 42 ޕޮއިންޓް ހޯދާދީފައެވެ. އަދި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދާދީ 8 އެސިސްޓް ދިން ޑި އާރޮން ފޮކްސްއެވެ. މީގެއިތުރުން މިމުބާރާތުގައި ފީނިކްސް ސަންސް އާއި ވޮޝިންގޓަން ވިޒަޑްސް ބައްދަލުކުރިމެޗް 134 ޕޮއިންޓް 106 ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ސަންސްއެވެ. މިމެޗްގައި ސަންސްގެ ޑެވިން ބޫކަރވަނީ އެޓީމަށް 27 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާ 6 އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްގެ ރަސެލް ވެސްޓްވުޑްވަނީ 17 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާ 14 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ.

ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސް އާއި އޮކްލޮހޯމާ ސިޓީ ތަންޑަރ ބައްދަލުކުރިމެޗް 117 ޕޮއިންޓް 93 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސަރސްއެވެ. މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 27 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާފައެވެ. އަދި ތަންޑަރއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނެގި ޑާރިއަސް ބެޒްލީއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 109 ޕޮއިންޓުން ވޮރިއަރސް ކާމިޔާބުކުރިއިރު ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރިމެޗް 118 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބުކުރީ ބްލޭޒަރސްއެވެ. އަދި ޓޮރޮންޓޯ ރެޕްޓަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 135 ޕޮއިންޓް 115 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ.