ޚަބަރު

އީރާނުން އަނެއްކާވެސް ނިއުކުލިޔަރ އެއްބަސްވުމާ ޚިލާފުވެއްޖެ


ދުނިޔޭގެ ބޮޑެތި ބާރުތަކާއިއެކު ސޮއިކޮށްފައިވާ ނިއުކުލިޔަރ އެއްބަސްވުމާ އީރާނުން އަނެއްކާވެސް ޚިލާފުވެފައިވާކަމަށް އދގެ ނިއުކުލިޔައ ހަކަތައާބެހޭ އިދާރާ ދަ އިންޓަނޭޝަނަލް އެޓޮމިކު އެނަރޖީ އެޖެންސީ، އައިއޭއީއޭއިން ފާހަގަކޮށްފިއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ނިއުކުލިޔަރ ހަކަތަ އުފެއްދުމަށް އީރާނުން ކުރާ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގައި ޗައިނާއާއި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދުންވަނީ ބައިވެރިވެފައެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންކަން ކުރަން ފަށައިފައެވެ.

އޭޕްރިލް މަހުގެ 7ވަނަ ދުވަހު ނިއުކުލިޔަރ އެއްބަސްވުމުގެ ބައިވެރިންވަނީ އެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުކޮށްފައެވެ. އެ ބައްދަލުވުން ބޭއްވި ދުވަހު އައިއޭއީއޭއިން މެންބަރު ޤައުމުތަކަށް ފޮނުވި ރިޕޯޓެއްގައި ބުނީ އީރާނުގެ އިސްފަހާނުގައި ހުންނަ ނިއުކުލިޔަރ ހަކަތަ އުފައްދާ މަރުކަޒުގައި 20 އިންސައްތައަށް ފައްކާކޮށްފައިވާ 0.43 ކިލޯގެ ޔުރޭނިއަމް ގިރުވާފައިވާކަމަށެވެ. އޭގެން ޔުރަނައިލް ނައިޓުރޭޓު ކިޔާ ކެމިކަލެއްގެ ބާވަތެއް ނެރެ އެ ކެމިކަލް އެމޯނިއަމް ޔުރެނައިލް ކާބޮނޭޓަށް ބަދަލުކޮށްފައިވާކަމަށް އެ ރިޕޯޓުގައިވަނީ ބުނެފައެވެ. އެ ކެމިކަލުން މޮލިބްޑެނަމު ކިޔާ ކެމިކަލެއް ނެރުމަށް އީރާނުން މަސައްކަތްކުރާކަމަށްވެސް އެ ރިޕޯޓުގައިވަނީ ބުނެފައެވެ.

މިހާތަނަށް އެއްކޮށްފައިވާ ޔުރޭނިއަމުގެ ޢަދަދު މަދު ނަމަވެސް އީރާނުގެ ޢަމަލުތަކަކީ ނިއުކުލިޔަރ އެއްބަސްވުމާ ގުޅޭގޮތުން ނުސީދާ މަޝްވަރާތަކެއް އެމެރިކާއިން ކުރަމުންދާ ދަނޑިވަޅެއްގައި ހެދޭ ގޯހެއްކަމަށް ގިނަ މާހިރުން ޤަބޫލުކުރެއެވެ.