ޚަބަރު

އެމެރިކާގެ ސުޕުރީމު ކޯޓަށް ބަދަލުތަކެއް ގެންނަން ދިރާސާކުރުމަށް ޚާއްޞަ ކޮމިޝަނެއް


އެމެރިކާގެ ސުޕުރީމު ކޯޓުގެ އެކުލަވާލުމަށް ބަދަލެއް ގެނެވިދާނެތޯ ބެލުމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިއެވެ.

އެމެރިކާގެ ސުޕުރީމު ކޯޓުގައި މިހާރު ތިއްބަވާ ފަންޑިޔާރުންގެ ޢަދަދު އިތުރުކުރުމުގެ ފައިދާތަކާއި ގެއްލުންތަކުގެ މައްޗަށް 36 މެންބަރުން ހިމެނޭ ކޮމިޝަނުން ބަލާނެއެވެ. ސުޕުރީމު ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ދަޢުރަކީ މުޅި ޢުމުރު ދުވަހަށް ފުރުއްވާ ދަޢުރެއްގެ ގޮތުގައި މިހާރު އޮތް ނަމަވެސް އެ ބޭފުޅުންގެ ދަޢުރު ވަކި މުއްދަތަކަށްފަހު ހަމަވާ ގޮތަށް ބަދަލުކުރުމާ ގުޅޭގޮތުންވެސް އެ ކޮމިޝަނުން ދިރާސާކުރާނެއެވެ.

1869ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސުޕުރީމު ކޯޓުގައި ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ. ނަމަވެސް އެ ޢަދަދަށް ބަދަލު ގެނައުމުގެ ބާރު އެމެރިކާގެ ޤަނޫނުހަދާ މަޖިލީހަށް ލިބިގެންވެއެވެ. 1869ވަނަ އަހަރުގެ ކުރިން ސުޕުރީމު ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ޢަދަދުވަނީ އެތައް ފަހަރެއްގެ މަތިން ބަދަލުކޮށްފައެވެ.

ސުޕުރީމު ކޯޓުގެ ފަނޑިޔާރުންގެ ދަޢުރު ވަކި މުއްދަތަކަށްފަހު ހަމަވާގޮތަށް ބަދަލުކުރުމަށް އެމެރިކާގެ ޤާނޫނުއަސާސީއަށް ބަދަލުގެންނަން ޖެހޭނެއެވެ. ނަމަވެސް ސުޕުރީމު ކޯޓުގެ ފަނޑިޔާރުންގެ ދަޢުރަށް ބަދަލުގެނެވޭނެ އެހެން ގޮތްތަކެއްވާކަމަށް ޤާނޫނީ މާހިރުންވަނީ ފާހަގަކޮށްފައެވެ.

އެމެރިކާގެ ރިޔާސީ އިދާރާ ވައިޓު ހައުސްގެ ޕުރެސް ސެކެޓުރީ ޖެން ސާކީ ވިދާޅުވީ އަލަށް އުފައްދާ ކޮމިޝަނުގައި ސިޔާސީ ހުރިހާ ދާއިރާއަކަށް ނިޞްބަތްވާ ބޭފުޅުން ތިއްބަވާނެކަމަށެވެ. އޭގެ ތެރޭގައި ލިބަރަލް އަދި ކޮންސަވޭޓިވް ފިކުރުގެ ޤާނޫނީ މާހިރުންނާއި ކުރީގެ ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންވެސް ހިމެނޭނެއެވެ. އެ ކޮމިޝަންގެ ފަރާތުން އާންމު ބައްދަލުވުންތައް ބާއްވައި އެ ކޮމިޝަނުގެ ހޯދުންތައް އެންގުމަށް 180 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

އެމެރިކާގެ ސުޕުރީމު ކޯޓުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ އިދިކޮޅު ރިޕަބްލިކަން ޕާޓީން ޢައްޔަނުކޮށްފައިވާ ބޭފުޅުންނެވެ. ސުޕުރީމު ކޯޓުގެ އަޣުލަބިއްޔަތު ހޯދުމަށް ވެރިކަންކުރާ ޑިމޮކްރަޓިކް ޕާޓީން ބޭނުންވެއެވެ.