ޚަބަރު

ފިރިކަލުން އަވަހާރަވި ނަމަވެސް ރާނީ އެލިޒަބެތު ތަޚުތު ދޫކޮށްނުލައްވާނެ


އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުގެ ފިރިކަލުން އަދި ޑިއުކު އޮފް އެޑިންބަރގު ޕުރިންސް ފިލިޕު އަވަހާރަވި ނަމަވެސް އެކަމަނާ ތަޙުތު ދޫކޮށްލަވާނެކަމަށް ނުބެލެވޭކަމަށް ޝާހީ އާއިލާ ދިރާސާކުރާ މާހިރުން ބުނެފިއެވެ.

އުމުރުން 99އަހަރުފުޅުގައި ޕުރިންސް ފިލިޕު އަވަހާރަވީ އޭޕްރިލް މަހުގެ 9ވަނަ ދުވަހުއެވެ. ޝާހީ ގަނޑުވަރު ބަކިންހަމު ޕެލެސުން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނު އަވަހާރަވީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާނީގެ ދެކަނބަލުން ދިރިއުޅުއްވާ ވިންޑުސޯ ކާސަލްގައިކަމަށެވެ. ރާނީ އެލިޒަބެތާއި ޕުރިންސް ފިލިޕު ކައިވެނިބައްލަވައިގެންފައިވަނީ 1952ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ތަޚުތާ އެކަަމަނާ ޙަވާލުވެވަޑައިގަތުމުގެ ކުރިން 1947ވަނަ އަހަރުގެ ތެރޭގައެވެ.

ރާނީ އެލިޒަބެތު ތަޚުތު ދޫކުރައްވައިފިނަމަ ވެރިކަމާ ދެން ޙަވާލުވެވަޑައިގަންނަވާނީ ރާނީ އެލިޒަބެތާއި ޕުރިންސް ފިލިޕުގެ ދޮށީ ފިރިހެން ދަރިކަލުން ވަލީއަހުދު ޕުރިންސް ޗާލްސެވެ. ނަމަވެސް ޝާހީ އާއިލާ ދިރާސާކުރާ މާހިރުން ބުނީ އުމުރުފުޅުން 94 އަހަރުގެ ރާނީ އެލިޒަބެތުގެ ޞިއްޙަތު އަދިވެސް ވަރަށް ރަނގަޅުކަމަށާއި ފިރިކަލުން އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ނަމަވެސް ތަޚުތު ދޫކުރައްވާނެކަމަށް ނުބެލެވޭކަމަށެވެ. މީގެ ހަތަރު ހަފުތާ ކުރިން ޕުރިންސް ފިލިޕު ހަސްފަތާލުގައި އެނދުމަތިކުރުމުންވެސް އެކަމަނާވަނީ ރާނީގެ މަސްޢޫލިއްޔަތުތައް ޢަދަކުރެއްވުމުގައި ދެމިހުންނަވައިފައެވެ.

އިނގިރޭސިވިލާތުގެ ތަޚުތަށް ރާނީ އެލިޒަބެތު އިސްކުރެވުނު ގޮތުގެ ސަބަބުންވެސް އެކަމަނާ އެ މަޤާމު ދޫކޮށްނުލައްވާނެކަމަށް މާހިރުން ބުރަވެއެވެ. 1926ވަނަ އަހަރުގެ ތެރޭގައި އުފަންވެޑައިގެންނެވި އެލިޒަބެތަށް އިނގިރޭސިވިލާތުގެ ރާނީކަން ލިބިވަޑައިގަންނަވާނެކަމަށް ބެލެވިފައެއް ނުވެއެވެ. ނަމަވެސް 1936ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ރަސްފެގާނުގެ މަޤާމުގައި ހުންނެވި ރާނީ އެލިޒަބެތުގެ ބޮޑުބޭބޭފުޅު އެޑުވާޑު އަށްވަނަ ކުރިން ކައިވެނިތަކެއް ކޮށްފައިވާ އެމެރިކާގެ އަންހެނަކާ ކައިވެނިބައްލަވައިގަތުމުގެ ބޭނުމުގައި ޝާހީ ތަޚުތު ދޫކޮށްލެއްވިއެވެ. އެއާއެކު ރާނީ އެލިޒަބެތުގެ ބައްޕާފުޅު ކިންގު ޖޯޖު ހަވަނައަށް ރަސްކަން ލިބިވަޑައިގެންނެވުމުން ރާނީއަށްވުމުގެ ފުރުޞަތު އެލިޒަބެތަށް ފަހިވެގެން ދިޔައެވެ. އެކަމަނާއަށް ރާނީކަން ލިބިވަޑައިގަތުމުން އެކަމަނާގެ އުމުރު ހުސްވަންދެން އެ މަސްޢޫލިއްޔަތު ޢަދާކުރައްވާނެކަމަށް އެލިޒަބެތުވަނީ ވިދާޅުވެފައެވެ. ރާނީގެ މަޤާމަށް އިސްކުރެވުނު ދުވަހު ކުރި ހުވައިއާ ޚިލާފުވެވަޑައިގެންނެވޭނެކަމަކަށް އެކަމަނާ ޤަބޫލުފުޅެއް ނުކުރައްވައެވެ.

ތަޚުތު ދޫނުކުރެއްވި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ޕުރިންސް ޗާލްސަށް ޙަވާލުކުރާ ރަސްމީ މަސްޢޫލިއްޔަތުތައް އަދި ޝާޙީ ޢައިލާއަށް ނިސްބަތްވާ އެހެން ބޭފުޅުންނަށް ހަވާލުކުރައްވާނެ ޒިންމާތައް އިތުރުކުރައްވާނެކަމަށް ބެލެވެއެވެ.