ކުޅިވަރު

ކުޅިވަރުގެ ދާއިރާގެ ގިނަ ފަރާތްތަކުން ފިލިޕަށް އިހުތިރާމް އަދާކުރަނީ


އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ފިރިކަލުން ޕްރިންސް ފިލިޕް، ޑޫކް އޮފް އެޑިންބަރަރ އަވަހާރަވުމާގުޅިގެން އެމަނިކުފާނަށް ކުޅިވަރުގެ ދާއިރާގެ އެކިފަރާތްތަކުން އިހްތިރާމް އަދާކުރަމުން އެބަގެންދެއެވެ. ބަކިންގހަމް ޕެލަސްއިން ހާމަކުރިގޮތުގައި ޕްރިންސް ފިލިޕް އަވަހާރަވީ އިއްޔެގެ ވަގުތެއްގައި އުމުރުފުޅުން 99 އަހަރުގައެވެ.

އިނގިރޭސިވިލާތުގައި އިއްޔެއިން ފެށިގެން ކުރިއަށް ދިޔަ ހުރިހާ ކުޅިވަރެއްގައިހެންވަނީ ޕްރިންސް ފިލިޕްއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ހަމަހިމޭން ކަމުގެ ސުކޫތު ގެއްނަންފަށާފައެވެ. އަދި ކުޅިވަރުގެ ދާއިރާގެ ގިނަ ފަރާތްތަކުން ގެންދަނީ ހަމްދަރުދީގެ މެސެޖްތަށް ކްއީން އެލިޒަތަށާއި ޝާހީ އާއިލާއަށް ފޮނުވަމުންނެވެ. މިހަފްތާ ބަންދުގައި އިންގްލިޝް ޕްރިމިއަރ ލީގުގައި ކުޅޭ ހުރިހާ މެޗެއްގެ ކުރިން އެއް މިނިޓްގެ ހަމަހިމޭން ކަމުގެ ސުކޫތެއް ގެނައުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކަޅުކުލައިގެ ބޭންޑް އަތުގާ އަޅާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ރޭ ފުލަމް އާއި ވުލްވްސް ކުޅުނު މެޗްގައި ހަމަހިމޭން ކަމުގެ ސުކޫތު ވަނީ ގެނެސްފައެވެ.

އައިންޓްރީގައި ރޭ ކުރިއަށް ދިޔަ ގްރޭންޑް ނޭޝަނަލް އަހު ރޭސް ފެށުމުގެ ކުރިން ދެ މިނެޓްގެ ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައިވެއެެވެ. އަދި އޯލް ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯލް ލީގުންވެސް ވަނީ މިހަފްތާ ބަންދުގެ މެޗްތަކުގައި ހަމަހިމޭން ކަމުގެ ސުކޫތު ގެންނާނެކަން ހާމަކޮށްފައެވެ.
ޑޫކް އޮފް އެޑިންބަރަރއަކީ އިނގިރޭސި ޖޮކީ ކްލަބްގެ އޮނަރަރީ މެންބަރެކެވެ. އަދި އެކަނިކުފާނުވަނީ މެރީލެބޯން ކްރިކެޓް ކްލަބްގެ ރައީސްކަންވެސް ކުރިން ކުރައްވާފައެވެ. އަދި ޕްރިންސް ފިލިޕްވަނީ އިނގިރޭސި ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަން 1955 ވަނަ އަހަރުން 57 ވަނަ އަހަރަށް ވެސް ކުރައްވާފައެވެ. އަދި 1966 ވަނަ އަހަރު އިންގްލަންޑް ޓީމުން ފީފާ ވާރލްޑް ކަޕް ކާމިޔާބުކުރި ފައިނަލް މެޗް ބައްލަވާލެއްވުމަށް ކްއީން އެލިޒަބަތު ވަޑާއިގެންނެވިއިރު އަރިހުގައި ޕްރިންސް ފިލިޕް ހުންނެވިއެވެ.

ޓޮޓްނަމްގެ ކޯޗު ޖޯސޭ މޮރީނިއޯގެ ޕްރެސް ކޮންފަރެންސެއް ކުރިއަށް ދަނިކޮށް އޭނާއަށް ފްރިންސް ފިލިޕް އަވަހާރަވި ހަބަރު ލިބުމާއެކު މޮރީނިއޯވެސްވަނީ ޝާހީ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އަދި މޮރީނިއޯ ބުނީ އިނގިރޭސި ޝާހީ އާއިލާއަކީ އޭނާ ވަރަށް އިހްތިރާމް ކުރާ އާއިލާއެއް ކަމަށާއި އޭނާ ފަދައިން އިނގިރޭސިވިލާތަށް ނިސްބަތްނުވާ އެތައް ބަޔަކު އިނގިރޭސި ޝާހީ އާއިލާގެ މި ހިތައިމައިގައި ބައިވެރިވާނެކަމަށެވެ.