ޚަބަރު

ޔުކްރެއިނުގެ ސަރަޙައްދީ ރޮނގުން ރަޝިޔާގެ ފައުޖުތައް ގެންދިޔުމަށް ޖަރުމަނުވިލާތުން ގޮވާލައިފި


ޔުކްރެއިނުގެ ސަރަޙައްދީ ރޮނގުގައި ތިބި ރަޝިޔާގެ އަސްކަރީ ފައުޖުތައް އަނބުރާ ގެންދިޔުމަށް ޖަރުމަނުވިލާތުން ގޮވާލައިފިއެވެ.

ޔުކްރެއިނުގެ އިރުމަތީ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ ފައުޖުތައް ޖަމާވަމުންދާކަމަށް ޔުކްރެއިނުންވަނީ ބުނެފައެވެ. ރަޝިޔާގެ ފައުޖުތަކާއި ޔުކްރެއިންގެ އަސްކަރިއްޔާއާ ދެމެދު އެ ޤައުމުގެ ދޮންބާސްގައި ކުރިމަތިލުންތަކެއްވަނީ ހިނގައިފައެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުން ބުނީ އެ ޤައުމުގެ ޗާންސެލަރު އަންގެލާ މާކެލް ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންއާ ފޯނުން ގުޅުއްވައި ވާހަކަދައްކަވާފައިވާކަމަށެވެ. ރަޝިޔާއާއި ޔުކްރެއިނާ ދެމެދު އުފެދިފައިވާ ނުތަނަވަސްތަކަން ނިމުމަކަށް ގެނައުމަށް ސަރަޙައްދީ ރޮނގުގައި ތިބި ރަޝިޔާގެ ފައުޖުތައް އަނބުރާ ގެންދަންޖެހޭކަމަށް މާކެލްވަނީ ފާހަގަކުރައްވައިފައެވެ.

ސަރަޙައްދީ ރޮނގުގައި ތިބި ރަޝިޔާގެ ސިފައިންގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތްކަމަށާއި އެ ފައުޖުތައް އެ ސަރަޙައްދުގައި ތިބީ ދިފާޢީ ޙައިޞިއްޔަތަކުންކަމަށް ރަޝިޔާއިންވަނީ ބުނެފައެވެ. އަދި ރަޝިޔާއަށް ފެންނަ މުއްދަތަކަށް އެ ސަރަޙައްދުގައި އެ ފައުޖުތައް ތިބޭނެކަމަށް އެ ޤައުމުން ބުނެއެވެ. ރަޝިޔާގެ ފައުޖުތައް ސަރަޙައްދީ ރޮނގަށް ފޮނުވާފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ ތެރޭގައި ބާއްވައި އިންތިޚާބުގެ ކުރިން ރަޝިޔާގެ ދާޚިލީ މައްސަލަތަކަށް ލިބިފައިވާ ސަމާލުކަން އަނބުރާލުމަށްކަމަށް ޔުކްރެއިނުން ކުރާ ތުހުމަތުތައް އެ ޤައުމުން ދޮގުކުރެއެވެ.