ޚަބަރު

އައިސީސީގެ ތަޙުޤީޤަށް އިސްރާއީލުން އެއްބާރުލުމެއް ނުދޭނެ: ނަތަންޔާހޫ


އިސްރާއީލުގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު، އައިސީސީގެ އިޙުތިޞާސް އޮންނަކަމަށް ބަލައިނުގަންނަވާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

މާރިޗު މަހުގެ 3ވަނަ ދުވަހު އައިސީސީންވަނީ އިސްރާއީލުން ފަލަސްޠީނުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް ތަހުޤީޤެއް ފަށައިފައެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތައް އައިސީސީގެ އިޙުތިޞާސްގެ ތެރޭގައި ހިމެނޭކަމަށް އެ ކޯޓުންވަނީ ކަނޑައަޅައިފައެވެ.

ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް ނިންމާފައިވާކަން އެންގުމަށް ފަލަސްޠީނާއި އިސްރާއީލަށް މާރިޗު މަހުގެ 9ވަނަ ދުވަހު އައިސީސީންވަނީ ސިޓީއެއް ފޮނުވައިފައެވެ. އަދި ދެ ޤައުމުން އަމިއްލަ ތަޙުޤީޤެއް ކުރުމަށްފަހު ޖަވާބުދާރީވުމަށް އެއް މަސް ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ. އެ މުއްދަތު އޭޕްރިލް މަހުގެ 9ވަނަ ދުވަހު ހަމަވާނެއެވެ. މައްސަލަ ރައްދުވާ ޤައުމުތަކުން އަމިއްލަ ތަޙުޤީޤެއް ފަށާފައިވާކަން އެންގުމުން އައިސީސީން ފަށާފައިވާ ތަޙުޤީޤު ހުއްޓާލާނެއެވެ. އައިސީސީން މައްސަލައެއް ބަލާނީ އެ މައްސަލައިގައި ހިމެނޭ ޤައުމުތަކަށް ކުރެވޭ ތުހުމަތުތައް ނުބަލާ ޙާލަތުގައި އެކަންޏެވެ.

އައިސީސީގެ ސިޓީއާ ގުޅޭގޮތުން އިސްރާއީލުގެ އިސް ވަޒީރުންނާއި ސަރުކާރުގެ ވެރިންނާއެކު މަޝްވަރާ ކުރެއްވުމަށްފަހު ނަތަންޔާހޫ ވިދާޅުވީ އައިސީސީގެ ތަޙުޤީޤަށް އެ ޤައުމުން އެއްބާރުލުން ނުދޭން ނިންމާފައިވާކަމަށެވެ. އިސްރާއީލަކީ އަމިއްލަ ޤާނޫނާއި ޤަވާއިދުތައް އޮންނަ ޤައުމެއްކަމަށާއި އަމިއްލަ ޤައުމުގެ ކަންކަން ތަޙުޤީޤު ކުރަން އެނގޭ ޤައުމެއްކަން އައިސީސީއަށް އަންގާނެކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އަދި އެ ޤައުމުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރާކަން އަންގާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުންވަނީ އައިސީސީގެ ތަޙުޤީޤަށް އެ ޤައުމުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ބުނެފައެވެ. އެކަން އަންގައި އައިސީސީގެ ސިޓީއަށް ޖަވާބު ދީފައިވާކަމަށް ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.

އައިސީސީ ޤާއިމުކުރުމަށް 1998ވަނަ އަހަރުގެ ތެރޭގައި ސޮއިކުރި ރޯމް ސްޓެޓިއުޓްު މުޢާހަދާގައި އިސްރާއީލުން ބައިވެރިވެފައެއް ނުވެއެވެ. އެހެންކަމުން އެ ޤައުމަކީ އައިސީސީގެ އިޙުތިޞާޞްގެ ތެރޭގައި ހިމެނޭ ޤައުމެއްކަމަށް އެ ޤައުމުން ޤަބޫލެއް ނުކުރެއެވެ.