ކުޅިވަރު

ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާ ނިމިއްޖެ


ހއ. ދިއްދޫ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާ ނިމިއްޖެއެވެ. ޕީއެސްއެމް އަށް މައުލޫމާތު ދެމުން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އިން ބުނީ، ހއ. ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްއާ، ޓާފު އެޅުއެޅުމުގެ މަސައްކަތްތަކަށް، ކޯވިޑް-19 ގެ ސަބަބުން ހުރަސްތަކެއް އެޅުނުކަމަށެވެ.

ދިއްދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ޓާގެޓް ކުރި ދުވަހަށް ނުނިމުނު ނަމަވެސް، މި ހާލަތުގައި މަސައްކަތްތައް ކުރިޔަށް ދިޔަ ސްޕީޑާމެދު ހިތްހަމަޖެހޭކަމަށް މިނިސްޓަރ ވަނީ ޓުވިޓަރ އެކައުންޓުގައި ކުރި ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.
ހއ.ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ ޓޫއޭ ކޮންސްޓްރަކްޝަނުންނެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެންނެވެ. ދިއްދޫ ފުޓުބޯޅަ ދަނޑުގައި ސަބްބޭސް އެޅުމާ، ޓާފް އެޅުމަށް، ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާއަށް ވުރެ ގިނައިން ޚަރަދުވެފައިވާކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދިނެވެ. މަސައްކަތްތައް ހަވާލުކުރެވުނު މި ދެ ކުންފުންޏަށް ވެސް ކޯވިޑް-19 އާ ގުޅިގެން، މަސައްކަތްތައް ކުރިޔަށް ގެންދެވުނީ ލަހުން ކަމަށާ، ބޭރުގެ ބޯޑަރުތައް ބަންދުކުރުމުން، ރާއްޖެއަށް ޓާފް އެތެރެކުރުމަށް، އުންމީދު ކުރިވަރަށް ވުރެ ގިނަ ދުވަސް ހޭދަވުމުން ޓާގެޓް ކުރި މުއްދަތަށް މަސައްކަތް ނުނިމި ލަސްވީކަމަށް ޔޫތް މިނިސްޓްރީން ހާމަކުރިއެވެ.



ހއ. ދިއްދޫ ފުޓްބޯޅަ ދަނޑަކީ ފީފާ ސްޓޭންޑަޑަށް ހަދާ ދަނޑެއްކަމަށާ، ދަނޑުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ލައިޓިން ސިސްޓަމާ، ރޮސްޓްރަމްއަކާ، ސްޓޭޖެއް ހުންނާނެކަމަށް ވެސް ޔޫތް މިނިސްޓްރީން މައުލޫމާތު ދިނެވެ.

ޔޫތު މިނިސްޓްރީން އިތުރަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ، ލ.ގަމުގެ ފުޓްބޯޅަ ދަނޑު ބައިނަލްއަޤުވާމީ ފެންވަރަށް ގެނައުމަށް، ކުރަން ޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެކަމަށެވެ. އެގޮތުން، ލ.ގަމު ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމާ، ޗޭންޖިންގް ރޫމް ބަދަލުކުރާނެކަމަށާ، އަމާޒަކީ ލ.ގަމުގެ ފުޓްބޯޅަ ދަނޑުގައި ކުރިއަށް އޮތް އޭފްސީކަޕްގެ މެޗުތައް ކުޅުންކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތު ދިނެވެ.