ކުޅިވަރު

އާސެނަލް އާއި ސްލާވިއާ ޕްރާހާގެ ފުރަތަމަ ކުރިމަތިލުން އެއްވަރު


ޔުއޭފާ ޔޫރޮޕާ ލީގުގައި އާސެނަލް އާއި ސްލާވިއާ ޕްރާގް ބައްދަލުކުރި ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގެ މެޗް އެއްވަރުވެއްޖެއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު އާސެނަލްއިން ބޯޅަ ގެންގުޅު ނަމަވެސް ދެޓީމުންވެސް ޙަމަލާ އުފައްދާފައިވަނީ ދާދިހަމަހަމަކޮށެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ. އަދި މިމެޗްގެ ފުރަތަމަ ލަނޑު މެޗް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ އާސެނަލްގެ ނިކޮލަސް ޕެޕޭއެވެ. މިލަނޑާއެކު މިމެޗުން އާސެނަލް މޮޅުވާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔަ ނަމަވެސް މިފަހަރުގެ ޔޫރޮޕާ ލީގުގައި ފާހަގަ ކޮށްލެވޭ ކުޅުމެއް ދައްކަމުންދާ ސްލާވިއާ ޕްރާހާއިން ހިތްވަރު އެލުވާނުލައި ކުޅުމުގެ ނަތީޖާއަކަށްވީ މެޗުގެ އިތުރުވަގުތުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށް ދެވަނަ ލެގަށް ކުރިމަތިލާއިރު ރަށުން ބޭރުގައި މުހިންމު އަވޭ ގޯލެއް ކާމިޔާބުކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ތޯމަސް ހޯލްސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވެގެންދިޔައެވެ. މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގް މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭނީ ސްލާވިއާ ޕްރާހާގެ ދަނޑުގައި ކަމުން މިމުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު މިހާރު ބޮޑީ ސްލާވިއާއަށް ކަމަށް ޤަބޫލް ކުރާ ފަރާތްތައް ގިނައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ހާމަކުރިގޮތުގައި ދެވަނަ ލެގް ކާމިޔާބު ކޮށް މިމުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އޭނާގެ ޓީމަށް ވަރަށް ބޮޑަށް އެބައޮތެވެ. އަދި ދެވަނަ ލެގްގައި ކޮންމެހެންވެސް ލަނޑު ޖަހަން ޖެހޭތީ އެކަން އޭނާގެ ކުޅުންތެރިންނަށް ކުރެވޭނެކަމަށްވެސް އޭނާ ހާމަކުރެއެވެ. މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގައި ލަނޑެއް ނުޖެހި އެއްވަރު ވެއްޖެނަމަ ރަށުން ބޭރުގައި ޖަހާފައިވާ ލަނޑުގެ ސަބަބުން ސެމީފައިނަލަށް ދަތުރު ކުރާނީ ސްލާވިއާއެވެ. އެހެން ކަމުން އާސެނަލްއަށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރުވާނީ ދެވަނަ ލެގް ކާމިޔާބުކޮށްގެންނެވެ. އަދި އެމެޗް އެއްލަނޑު އެއްލަނޑަށް ވުރެ ގިނަ ލަނޑުން އެއްވަރުވި ނަމަވެސް އާސެނަލް ސެމީފައިނަލަށް ދާނެއިރު އެއްލަނޑު އެއްލަނޑުން އެއްވަރުވެއްޖެނަމަ އިތުރުވަގުތު ކުޅެ އަދި އެވަރުން ނަތީޖާ ނުނެރެވިއްޖެނަމަ ޕެނަލްޓީއަށް ދާނެއެވެ.