ކުޅިވަރު

ގދ. ވާދުގައި ސްކޭޓް ޕާކެއް އެޅުމުގެ މަސައްކަތް ފަށައިފި


ގދ. ވާދުގައި ސްކޭޓް ޕާކެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެ ރަށު ހެޑްސް ޖަމްއިއްޔާގެ މެމްބަރުން ޔޫތް މިނިސްޓަރާ ބައްދަލު ކުރައްވާ، ރަށުގެ ޒުވާނުންގެ ތަރައްޤީއަށްޓަކައި ކޮށްދިނުމަށް އެދިފައިވާ ކަމެކެވެ. ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެއްވަމުން ގދ.ވާދޫ ކައުންސިލް ރައީސް މުޙައްމަދު ވަޙީދު ވިދާޅުވީ، މި މަޝްރޫއަކީ ދެލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ މަޝްރޫއެކަމަށެވެ. މި ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުމަށް ޔޫތު މިނިސްޓްރީން، ގދ. ވާދޫ ކައުންސިލަށް ދެލައްކަ ރުފިޔާގެ ފަންޑެއް ދީފައިކަމަށެވެ. އަދި ބީ.އެމް.އެލް އިން ފަންސާސްހާސް ރުފިޔާގެ އެހީތެރިކަމެއް ދިންކަމަށް ވެސް ގދ.ވާދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، އާއްމުންގެ ދީލަތި އެހީތެރިކަން ވެސް މި ޕްރެޖެކްޓަށް ލިބެމުންދާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ގާތްގަޑަކަށް ދިހަ ހާސް އަކަފޫޓުގެ ޖާގައެއްގައި ހަދާ ސްކޭޓް ޕާކް ނިމޭއިރު، އެތަނާ އިންވެގެން ބާސްކެޓް ބޯޅަ ކޯޓަކާއި، މަލްޓި ޕާޕަސް ހޯލެއްވެސް ހެދިގެންދާނެކަމަށް ކައުންސިލް ރައީސް މުޙައްމަދު ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތްތައް ކުރިޔަށް ދަނީ ރަށުގެ ހެޑްސް ޖަމްއިއްޔާއާ ރަށު ކައުންސިލާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.