ޚަބަރު

އުރުދުންގެ ޝާޚީ އާއިލާގެ ތެރޭގައި އުފެދުނު މައްސަލަ ޙައްލުވެއްޖެ


އުރުދުންގެ ޝާޚީ އާއިލާގެ ތެރޭގައި އުފެދިފައިވާ މައްސަލަ ޙައްލުވެފައިވާކަމަށް އެ ޤައުމުގެ ރަސްގެފާނު ޢަބްދުﷲ ބިން އަލްޙުސައިން ވިދާޅުވެއްޖެއެވެ.

އުރުދުންގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާފަދަ ރޭވުންތަކެއް ރޭވުމުގައި ޢަބްދުﷲ ރަސްގެފާނު އެއްބަފާ ކޮއްކޯފުޅު އަދި ކުރީގެ ވަލީއަހުދު އަމީރު ޙަމްޒާ ބިން ޙުސައިންގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ގިނަ އިސްވެރިންތަކެއް ބައިވެރިވެފައިވާތީ އެ ޤައުމުން ދަނީ އެކަން ތަހުޤީޤުކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން އަމީރު ޙަމްޒާވަނީ ގޭބަންދުކޮށްފައެވެ. ގޭބަންދުކުރިފަހުން އަމީރު ޙަމްޒާވަނީ އޭނާގެ ވަފާތެރިކަން އޮތީ ޢަބްދުﷲ ރަސްގެފާނަށްކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ޢަބްދުﷲ ރަސްގެފާނު ވިދާޅުވީ ޤައުމުގެ ހަމަޖެހުމަށް ބުރޫއެރި މައްސަލައަކީ ޝާޚީ ގަނޑުވަރުގެ އެތެރެއިންނާއި ބޭރުންވެސް އެ މައްސަލައަކާ ގުޅިފައިވާ މައްސަލައެއްކަމުން އޭގެ ސަބަބުން އެމަނިކުފާނަށް ބޮޑު ހިތްދަތިކަމެއް ލިބިވަޑައިގެންނެވިކަމަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަސަބުފުޅާ ސީދާ ގުޅިފައިވާ އާއިލާއެއްގެ އެންމެ އިސްވެރިޔާގެ ގޮތުގައި އަދި ޤައުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ އެފަދަ ކަމަކާ ކުރިމަތިލައްވަން ޖެހުމުން ބޮޑު ސިހުމެއް ލިބިވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަ ޙައްލުވެފައިވާކަމަށާއި ހަމަޖެހުމާއި ރައްކާތެރިކަން އަނެއްކާވެސް ޤައުމަށް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޙަމްޒާ ހުންނެވީ ރަސްގެފާނުގެ ބެއްލެވުމުގެ ދަށުގައި އޭނާގެ އާއިލާއާ އެކުގައި އޭނާގެ ގަނޑުވަރުގައިކަމަށްވެސް ޢަބްދުﷲ ރަސްގެފާނު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ސަރުކާރުގެ 16 އިސްވެރިން ހައްޔަރުކޮށްފައިވާކަމަށް އުރުދުނުން ބުނެއެވެ.