ޚަބަރު

މިޞްރުގެ ވަރުގަދަ އިންޒާރެއް އިތިއޯޕިޔާއަށް


މިޞްރުގެ ނީލަ ކޯރާ ގުޅޭ އިތިއޯޕިޔާގެ ކޯރެއްގައި ހަދާފައިވާ ޑޭމަކާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ އިންޒާރު މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ ދެއްވައިފިއެވެ. އެފަދަ އިންޒާރެއް ސީސީ ދެއްވީ އެ މައްސަލައިގައި މިޞްރާއި އިތިއޯޕިޔާއާއި ސޫދާންއާ ދެމެދު ކުރި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުންނެވެ.

އިތިއޯޕިޔާއަށް ބޭނުންވާ އިޤްތިޞާދީ ތަރައްޤީއާއި ހަކަތަ އުފެއްދުމުގެ އުންމީދުތައް ގުޅިފައިވަނީ ބްލޫ ނައިލް ކޯރުގައި އޮންނަ ގުރާންޑް އިތިއޯޕިއަން ރެނައިސާންސް ޑެމްއާއެވެ. ނަމަވެސް އެ ޑޭމްގެ ސަބަބުން ނީލަ ކޯރަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް މިޞްރުން ބުނެއެވެ. ކޯރުގެ ޒަރިއްޔާއިން ސޫދާނަށް ލިބޭ ފެނަށް އަސަރުކުރާނެކަމުގެ ކަންބޮޑުވުންތައް އެ ޤައުމުންވެސްވަނީ ޙިއްޞާކޮށްފައެވެ.

މިޞްރުގެ ރައީސް ސީސީ ވިދާޅުވީ ކޯރުގެ މައްސަލައިގައި މިޞްރާއި ސޫދާނުން ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ. ދެބަސްވުންތަކުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާ މީގެ ކުރިން ތަޖުރިބާ ކުރެވިފައިވާކަން ފާހަގަކުރައްވަމުން ސީސީ ވިދާޅުވީ ޤައުމުތަކުން އެއްބާރުލުން ދީގެން ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އޭނާ ވިދާޅުވީ މިޞްރުގެ ފެން ބޭނުން ނުކުރުމަށް އިތިއޯޕިޔާއަށް ގޮވައިލާކަމަށެވެ.

އިތިއޯޕިޔާއިންވަނީ އެ ޤައުމުން އެހެން ޤައުމެއްގެ ފެން ބޭނުންކުރަމުންދާކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ ޤައުމުން ބުނީ ހަމަނުޖެހުން އުފެދެންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި ފެނުގެ ސަބަބުން ހަނގުރާމައަކަށް ދާންނުޖެހޭކަމަށެވެ. އިތިއޯޕިޔާއިން ބޭނުންކުރަނީ މިޞްރުން ނުވަތަ ސޫދާނުން އުފެދި ދައުރުވާ ފެނެއް ނޫންކަމަށް އެ ޤައުމުން ބުނެއެވެ. އިތިއޯޕިޔާގެ މުހިންމު ބޭނުންތައް ފުއްދުމަށް އެ ޤައުމުން ބޭނުންކުރަނީ އެ ޤައުމުގެ ފެންކަމަށާއި އޭގެ ސަބަބުން އަވަށްޓެރި ޤައުމުތަކަށް ބޮޑު ގެއްލުމެއް ނުވާނެކަމަށް އެ ޤައުމުން ބުނެއެވެ.