ޚަބަރު

ޛިކުރާ މިސްކިތް ހުރި ބިމުން އާސާރީ ބައެއް ތަކެތި ފެނިއްޖެ


ޛިކުރާ މިސްކިތް ހުރި ސަރަހައްދު ސާފުކުރުމަށް ކޮންނަމުން ދަނިކޮށް، އާސާރީ ބައެއް ތަކެތި ފެނިއްޖެއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤާއުމީ މަރުކަޒުން ވިދާޅުވީ ޛިކުރާ މިސްކިތް ހުރި ސަރަޙައްދު ކޮންނަމުން ދަނިކޮށް ފެނުނު ތަކެއްޗާ ބިނާތަކުގެ ތެރެއިން ފެނުނު ތަކެއްޗަކީ، ކޮން އެއްޗެއްސެއްކަން ދެކެގަނެވިފައިވާކަމަށެވެ. މި ފެނުނު ތަކެތި ކަމާގުޅޭ ފަންނީ ފަރާތްތަކުންވަނީ ބަލާ ދިރާސާކޮށްފައެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ އެ ސަރަޙައްދުން ފެނުނު ތަކެތީގެ ތެރޭގައި މައްޗަންގޮޅި ބައުމިސްކިތުގެ ތަރަހަކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ ފެނިފައިވާކަމަށެވެ. އަދި ހިރިގަލު 8 ކަން ވަޅަކާއި ދިވެހި އަދި ޢަރަބި ލިޔުން ކަނޑާފައިވާ މަހާނަ ގަލާއި ފެނާ ކާބޯތަކެތި އެޅުމަށް ބޭނުންކުރާ ކަންވާރު ފަދަ ތަކެތީގެ ބައިތަކެއް ފެނިފައިވާކަމަށެވެ.

މިތަކެތި މިހާރުވަނީ ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒިގެ ބެލުމުގެ ދަށުގައެވެ. ވަގުތީ މިސްކިތެއް ބިނާކުރުމަށް ޛިކުރާ މިސްކިތް ހުރި ބިން ސާފުކުރަންފެށީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ.

މިގޮތަށް އެކި ބިންތައް ކޮނުމުގެ ތެރޭގައި، އަތޮޅުތަކުގެ ގިނަ ރަށްތަކުންވެސް މިފަދަ އާސާރީ ތަކެތި ފެނިފައިވެއެވެ. އަދި މި ގޮތަށް ފެންނަ ތަކެތި ސަގާފީ ތަރިކަ ރައްކާތެރިކުރާ މަރުކަޒުންދަނީ ދިރާސާކޮށް ބަލަހައްޓަމުންނެވެ. އަދި މިފަދަ ހޯދުންތަކުގެ އަލީގައި ރާއްޖެއާ ގުޅޭ މުހިންމު މަޢުލޫމާތުތައްވެސް އެއްކޮށްފައިވެއެވެ.