ޚަބަރު

ރޯދައިގެ ވަގުތު މި އަހަރު އެންމެ ދިގުވާނީ ކޮން ޤައުމެއްގައި؟


ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާން މަސް ފެށޭނެކަމަށް ބެލެވެނީ އެޕްރިލް މަހުގެ 13ވަނަ ދުވަސްކަމަށްވާ އަންގާރަ ދުވަހުއެވެ. އެކި ޤައުމުތަކުގައި ރޯދަ ހިފަންޖެހޭ ވަގުތު އެ ޤައުމެއް އޮންނަ ސަރަޙައްދެއްގެ ގޮތުން ތަފާތުވެއެވެ. އެގޮތުން 10 ގަޑިއިރާއި 21 ގަޑިއިރާ ދެމެދުގެ ވަގުތަކަށް އާންމުގޮތެއްގައި ރޯދަ ހިފަން ޖެހެއެވެ.

ދުނިޔޭގެ އެންމެ ދެކުނުގައި އޮންނަ ޗިލީ އަދި ނިއު ޒީލެންޑުފަދަ ޤައުމުތަކުގައި އާންމުގޮތެއްގައި ރޯދަ ހިފަންޖެހެނީ ގާތްގަނޑަކަށް 11 ގަޑިއިރަށެވެ. އެއާ ޚިލާފަށް އުތުރުގައި އޮންނަ އައިސްލެންޑާއި ނޯވޭފަދަ ޤައުމުތަކުގައި 18 ގަޑިއިރަށްވުރެ ގިނައިރު ރޯދައަށް ތިބެންޖެހެއެވެ.

ދުނިޔޭގެ އުތުރު ފަޅީގައި ހުންނަ ޤައުމުތަކުގައި ދިރިއުޅޭ މީހުން މިއަހަރު ރޯދައަށް ހުންނަންޖެހޭ ވަގުތު މިދިޔަ އަހަރަށްވުރެ ކުރުވާނެއެވެ. 2032ވަނަ އަހަރާހަމައަށް ކޮންމެ އަހަރަކުވެސް ރޯދައަށް ހުންނަންޖެހޭ ވަގުތު އެ ޤައުމުތަކަށް ދާނީ ކުރުވަމުންނެވެ. 2032ވަނަ އަހަރު އެ ސަރަޙައްދަށް ރަމަޟާން މަސް އަންނާނީ އަހަރުގެ ތެރޭގައި އަންނަ އެންމެ ކުރު ދުވަސްވަރުއެވެ. އެއަށްފަހު ރޯދައަށް ހުންނަންޖެހޭ ވަގުތު އަނެއްކާވެސް އިތުރުވާން ފަށާނެއެވެ. އެއާއެކު އީކުއޭޓާގެ ދެކުނުގައި އޮންނަ ޤައުމުތަކުގެ ދުވަސްތައް ކުރުވާން ފަށައެވެ.

މި އަހަރު ރޯދަ މަހުގެ ދުވަސްތައް އެންމެ އާދަޔާޚިލާފު ގޮތަކަށް ހޭދަކުރާނީ ނޯވޭގައި ދިރިއުޅޭ މުސްލިމުންނެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތަކަށް އޭޕްރިލް މަހުގެ 20ވަނަ ދުވަހުން އޮގަސްޓު މަހުގެ 22ވަނަ ދުވަހާ ހަމައަށް އިރެއް ނުއޮއްސޭނެއެވެ. އެ ޤައުމުގައި ރޯދަ ވީއްލާނީ އެންމެ ކައިރީގައި އޮންނަ މުސްލިމު ޤައުމު ނުވަތަ ސަޢުދީ ޢަރަބިއްޔާގައި ރޯދަ ހިފާ ވަގުތާ އެއްވަރުގެ ވަގުތަކަށްކަމަށް ޢިލްމުވެރިންވަނީ ފަތުވާ ނެރެފައެވެ.

އެންމެ ދިގުކޮށް މިއަހަރު ރޯދަ ހިފާނެ ޤައުމުތަކަކީ ގުރީންލެންޑާއި އައިސްލެންޑެވެ. އެ ދެ ޤައުމުގައި 20 ގަޑިއިރު ރޯދައަށް ހުންނަން ޖެހެއެވެ. ފިންލެންޑުގައި މިއަހަރު ރޯދަ ހިފާނީ 19 ގަޑިއިރަށެވެ. ސްވިޑަންއާއި ސްކޮޓްލެންޑާއި ރަޝިޔާގައި ދުވާލުގެ ވަގުތު 18 ގަޑިއިރަށް ދެމިގެންދާނެއެވެ. ޖަރުމަނުވިލާތާއި ނެދަލެންޑްސާއި ޕޮލެންޑާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ބެލްޖިއަމްއާއި ސްވިޒަލެންޑުގައި ރޯދަ ހިފާނީ 17 ގަޑިއިރަށެވެ. 16 ގަޑިއިރަށް ރޯދަ ހިފައި ޤައުމުތަކުގެ ތެރޭގައި ރުމޭނިޔާއާއި ކެނެޑާއާއި ބަލްގޭރިޔާއާއި އިޓަލީވިލާތާއި ސްޕެއިނާއި ޕޯޗުގަލްއާއި ގުރީސާއި ޗައިނާއާއި އެމެރިކާ ހިމެނެއެވެ. މޮރޮކޯއާއި ޖަޕާނާއި ޕާކިސްތާނާއި އީރާނާއި ޢިރާޤާއި ސޫރިޔާއާއި ލުބުނާނާއި ފަލަސްޠީނުގައި ރޯދައަށް ހުންނަން ޖެހޭނީ 15 ގަޑިއިރަށެވެ. އެ ލިސްޓުގައި ސަޢުދީ ޢަރަބިއްޔާއާއި އަފްޣާނިސްތާނާއި ޔަމަނާއި އިންޑިޔާވެސް ހިމެނެއެވެ. ސްރީ ލަންކާއާއި ތައިލެންޑާއި މެލޭޝިޔާއާއި ސިންގަޕޫރުގައި ރޯދައަށް ހުންނަން ޖެހޭނީ 14 ގަޑިއިރަށެވެ.

މި އަހަރު އެންމެ ކުރުކޮށް ރޯދަ ހިފާނީ ނިއު ޒިލެންޑާއި ޗިލީގެ އިތުރުން އޮސްޓްރޭލިޔާއާއި ދެކުނު އެފުރިކާއާއި ޕެރަގުއޭއާއި އާޖެންޓީނާގައެވެ. އެ ޤައުމުތަކުގައި ރޯދައަށް ހުންނަން ޖެހޭނީ 11 ގަޑިއިރަށެވެ. ބުރެޒިލާއި ޒިންބާބުވޭއާއި އިންޑޮނޭޝިޔާގައި ރޯދަ ހިފަން ޖެހޭނީ 12 ގަޑިއިރަށެވެ.

ޤައުމުތަކުގެ މެދުގައި ރޯދައަށް ހުންނަންޖެހޭ ވަގުތުތަކުގެ މެދުގައި ތަފާތުތަކެއް ހުރި ނަމަވެސް ބައެއް ބޮޑެތި ޤައުމުތަކުގެ އެކި ސަރަޙައްދުތަކުގައި ރޯދައަށް ހުންނަންޖެހޭ ވަގުތު ތަފާތުވެއެވެ.

ޢަލީ

ރާއްޖޭގައި ރޯދަ ހިފަންޖެހޭ ވަގުތު ބުނެލާފައި އޮންނަމަ ލިޔުން ފުރިހަމަ ވީސް