ޚަބަރު

ޓެކްސް ދައްކަވާފައިނުވާތީ ނަޖީބު ބަނގުރޫޓުވެފައިވާކަމަށް ކަނޑައަޅައިފި


ޓެކުހުގެ ގޮތުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ދައްކަވަންޖެހޭ 400 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައްކާފައިނުވާތީ އެމަނިކުފާނު ބަނގުރޫޓުވެފައިވާކަމަށް އެ ޤައުމުގެ އިންލެންޑު ރެވެނިއު ބޯޑުން ކަނޑައަޅައިފިއެވެ.

2011އަހަރާއި 2017ވަނަ އަހަރާ ދެމެދު ޓެކުހުގެ ގޮތުގައި ނަޖީބު ދައްކަވަންޖެހޭ ފައިސާ ދައްކަވާފައިނުވާތީ ޓެކުހުގެ ޢަދަދާއި ޖޫރިމަނާ ހިމެނޭގޮތަށް 409.8 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް މިދިޔަ އަހަރުގެ ތެރޭގައި މެލޭޝިޔާގެ ކޯޓަކުންވަނީ ޙުކުމްކޮށްފައެވެ. އޭނާ ބަނގުރޫޓުވެފައިވާކަމަށް އިންލެންޑް ރެވެނިއު ބޯޑުން ކަނޑައެޅީ އެ ފައިސާ ދައްކަވާފައިނުވުމުންނެވެ.

އެކަމާ ގުޅޭގޮތުން ނަޖީބު ވިދާޅުވީ އިންލެންޑް ރެވެނިއު ބޯޑުން އެގޮތަށް ނިންމުމާއި ދެން ބާއްވާ އިންތިޚާބެއްގައި އޭނާގެ ސިޔާސީ ޕާޓީން މިހާރުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނަށް ތާޢީދު ނުކުރުމަށް ނިންމި ނިންމުމާ ގުޅުމެއްވާކަމަށެވެ. އަދި އެ ނިންމުމުގެ ބޭނުމަކީ އޭނާގެ ސިޔާސީ ޙަޔާތް ބަރުބާދުކޮށްލުންކަމަށް އޭނާ ވިދާޅުވިއެވެ. ނަޖީބު ބަނގުރޫޓުވެފައިވާކަމަށް ނިންމައިފިނަމަ މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގައި އޭނާ ފުރުއްވާ ގޮނޑި ގެއްލޭނެއެވެ. އަދި ދެން ބާއްވާ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުޞަތުވެސް ގެއްލޭނެއެވެ. ނަޖީބު ވިދާޅުވީ ސިޔާސީ ބޭނުމެއްގައި ޤައުމުގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އޭނާ ބޯނުލަންބަވާނެކަމަށެވެ. އިންލެންޑް ރެވެނިއުގެ ނިންމުމަށް ޢަމަލުކުރުން ހުއްޓުވުމަށް ކޯޓު ޢަމުރެއް ހޯދުމަށް އޭނާގެ ޤާނޫނީ ވަކީލުން މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2009ވަނަ އަހަރުން 2018ވަނަ އަހަރަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ނަޖީބުގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑަރިންއާގުޅޭ ގިނަ ދަޢުވާތަކެއްވަނީ އުފުލައިފައެވެ. އޭނާގެ މޭސްތޮރިކަމުގެ ދަށުން އުފައްދާފައިވާ ވަންއެމްޑީބީ ފަންޑުން ޚިޔާނާތްތެރިވެފައިވާ ދައުލަތުގެ 4.5 ބިލިއަން ޑޮލަރުގެ ތެރެއިން އެއް ބިލިއަން ޑޮލަރު ލިބިވަޑައިގަތީ ނަޖީބަށްކަމަށް ތުހުމަތުކުރެއެވެ. ނަޖީބުގެ މައްޗަށް އުފުލި 7 ދަޢުވާ ސާބިތުވާކަމަށް މިދިޔަ އަހަރުގެ ތެރޭގައި ޙުކުމްކުރިއެވެ. ނަމަވެސް އެ މައްސަލަ ނަޖީބުވަނީ އިސްތިޢުނާފުކުރައްވައިފައެވެ. އަދި އިސްތިޢުނާފުގެ ޝަރީޢަތްތައްވަނީ މިހާރު ފަށައިފައެވެ. އޭނާއާ ދެކޮޅަށް ގިނަ ދަޢުވާތަކެއް އުފުލި ނަމަވެސް އާންމުންގެ މެދުގައި އޭނާގެ މަޤުބޫލުކަންވަނީ އިތުރުވެފައެވެ.