ޚަބަރު

ތައިލެންޑުގެ ބައެއް ވަޒީރުންނަށާއި މަޖިލިސް މެންބަރުންނަށް ކޯވިޑް-19 ޖެހިއްޖެ


ތައިލެންޑުގެ ބައެއް ވަޒީރުންނާއި ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ. އެ ބޭފުޅުންނަށް ކޯވިޑް-19 ޖެހިފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހަލުވިކަމާއެކު ބަލިމަޑުކަން ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިހާތަނަށް 10 ވަޒީރުންވަނީ އަމިއްލައަށް އެކަހެރިވެފައެވެ. އަދި އޭގެ ތެރެއިން ބައެއް ވަޒީރުންނަށް ކޯވިޑް-19 ޖެހިފައިވާކަންވަނީ ކަށަވަރުވެފައެވެ. އޭގެ އިތުރުން ކޯވިޑް-19 ޖެހިފައިވާ މީހުންނާ ދިމާވެފައިވާތީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންވެސްވަނީ އަމިއްލައަށް އެކަހެރިވެފައެވެ. އޭގެ ތެރެއިން ބައެއް މެންބަރުންނަށް ކޯވިޑް-19 ޖެހިފައިވުމުގެ ފުރުޞަތު ބޮޑެވެ.

ތައިލެންޑުގެ ސަރުކާރުން ބުނީ ކޯވިޑް-19ގެ ބީ.1.1.7 ވޭރިއަންޓު ޖެހިފައިވާ 24 މީހުން އެ ޤައުމުން ފެނިފައިވާކަމަށެވެ. މިއީ އެ ޤައުމުގެ މުޖުތަމަޢުގެ ތެރެއިން އެ ވޭރިއަންޓު ފެނުނު ފުރަތަމަ ފަހަރެވެ. އެ މީހުންނަށް ބަލިޖެހިފައިވަނީ ވެރިރަށް ބެންކޮކުގައި ހުންނަ މުނިފޫހިފިލުވުމުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނެވެ. އެ ތަންތަނުގައި ބަލި ފެތުރޭތީ އޭގެ 200އަށްވުރެ ގިނަ މަރުކަޒުވަނީ ދެ ހަފުތާގެ މުއްދަތަށް ބަންދުކޮށްފައެވެ.

ތައިލެންޑުގެ ބޮޑުވަޒީރު ޕުރަޔުތު ޗަން-އޮޗާ ވިދާޅުވީ މިހާރުގެ ޙާލަތުގައި އާންމުންނަށް ފަރުވާ ދިނުމުގެ ޤާބިލުކަން އެ ޤައުމުގެ ޞިއްޙީ ނިޒާމުގައި ހުރި ނަމަވެސް ޤައުމުގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމަށް ބަލައި ޞިއްޙީ ފަރުވާ ދެވޭނެ އިތުރު އިންތިޒާމުތައް ހަމަޖެއްސުމަށް އަންގަވާފައިވާކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތައިލެންޑުގެ ޞިއްޚީ މާހިރެއްކަމަށްވާ ޔޮންގު ޕޫވޮރަވަން ވިދާޅުވީ އެ ޤައުުމުގައި ފެތުރޭ ވޭރިއަންޓުގެ ވާރުތަވުމުގެ ބާރު 1.7 ގުނަ އިތުރުކަމަށެވެ. އޭނާ ވިދާޅުވީ އައު ވޭރިއަންޓު ފެތުރުނަނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުގެ ފަރާތުން ކުރިކަމަށެވެ. އެ ޤައުމުގެ ސަރަޙައްދީ ރޮނގުތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނިކޮށް އައު ވޭރިއަންޓު ފެތުރުމުން ހައިރާންވާކަމަށް އޭނާ ވިދާޅުވިއެވެ.

ބަލީގެ ނުރައްކާތެރި އައު ވައްތަރެއް ތައިލެންޑުގައި ފެތުރުމުން ކުރިއަށްއޮތް ޗުއްޓީ ދުވަސްވަރަށް އޭގެ އަސަރުކުރާނެކަމަށް ބެލެވެއެވެ. ޗުއްޓީ ދުވަސްވަރުގައި ފިޔަވަޅުތަކަށް ޢަމަލުކުރުމުގައި އާންމުން ފަރުވާކުޑަކޮށްފިނަމަ ޤައުމުގެ ޙާލަތު ވަރަށް ގޯސްވާނެކަމުގެ އިންޒާރު އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލުންވަނީ ދީފައެވެ.